ދުނިޔެ

ސޫރިޔާގެ ހަނގުރާމަ ހުއްޓުވުމުގައި ރަޝިޔާގެ ދައުރު ބޮޑު- ހިލަރީ


ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި ރަޝިޔާ އިސްވެއޮވެ އެކުލަވާލި އެއްބަސްވުން ކާމިޔާބުވުން އޮތީ ރަޝިޔާގެ އަތްމަތީގައި ކަމަށް އެމެރިކާގެ ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެއެވެ.

ނިއުމޯނިއާގެ އާލާސްކަންފުޅާއި ގުޅިގެން 3 ދުވަހު އަރާމު ކުރެއްވުމަށްފަހު އާއްމުންގެ ތެރެއަށް ނިކުމެ ކެމްޕޭންކުރައްވަމުން ހިލަރީ ވަނީ ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުން އެކުލަވާލުމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީ ކުރެއްވި މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ. އަދި މި އެއްބަސްވުން ދެމެހެއްޓުމާއި ކާމިޔާބު އެއްބަސްވުމަކަށް ހެދުން ބިނާ ވާނީ ރަޝިޔާއިން ގެންގުޅޭ ސިޔާސަތެއްގެ މައްޗަށް ކަމަށް ހިލަރީ ވިދާޅުވިއެވެ.

ޙަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުން ކާމިޔާބު ވާނީ ސޫރިޔާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން މަޝްވަރާތަކަށް ގެނައުމަށް ރަޝިޔާއިން ބާރުއަޅާ މިންވަރެއްގެ މައްޗަށް ކަމަށްވެސް ހިލަރީ ވަނީ ވިދާޅުވެފައެވެ.