'އެސްޕަޔަރ' އަދި 'އެރައިޒް' މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއީ، ދިވެހިރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، ތިމާވެށްޓަށް ފައިދާހުރި ގޮތަކަށް ހަކަތަ އާލާކޮށް އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ހަކަތައިގެ އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެމަނިކުފާނުގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒުގެ ދަށުން ޤާއިމުކުރާ މި ނިޒާމުތަކުގެ ސަބަބުން، ތެޔޮ އެތެރެ ކުރުމަށް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ. މިކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން ދަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަޝްރޫޢުތައް ފުޅާކޮށް، ތިމާވެށްޓާއި ރައްޓެހި ހަކަތަ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މިމަހުގެ 5 ވަނަ ދުވަހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވުމަށް ބޭއްވެވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ބޭރުން ތެޔޮ އެތެރެކުރުމަށް ކަމަށެވެ. އަދި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް 443.6 މިލިއަން ޑޮލަރުގެ ޑީސަލް އެތެރެކުރާއިރު، މީގެ ބޮޑު ބަޔަކީ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ހަކަތަ އުފެއްދުމަށް މިހާ ބޮޑަށް ޑީސަލަށް ބަރޯސާވެފައި އޮތުމަކީ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމަށް ނުވަތަ އެނާރޖީ ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު ނުރައްކާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ، މި އަދަދު ދެގުނަކޮށް އިޔާދަކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރު ކުރުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.