އައިޖީއެމްއެޗްގައި ޤާއިމުކުރި އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 12000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ.
އައިނަކީ އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށްވާއިރު އައިނު ހެއްދުން ވެފައިވަނީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށެވެ. ރައްޔިތުންގެ މިތަކުލީފަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް މިހާރު ވަނީ ހުޅުވާފައެވެ. މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި ހަމައަށް ގެންދިޔުމަށް އަންނަނީ މަސައްކަތް ކުރަމުންނެއެވެ. މީގެ ދަށުން ފުރަތަމަ ފިހާރަ އައްޑޫގައި ވަނީ ހުޅުވާފައެވެ.
އައްޑޫގައި ޤާއިމްކުރި ކެތްލެބް އާއި އައިނު ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މާލޭގައި ޤާއިމްކޮށްފައިވާ އައިނު ފިހާރަތަކުގެ ސަބަބުން ރައްޔިތުން އައިނު ހެއްދުމަށް ދިމާވަމުންދިޔަ މާލީ ގޮންޖެހުންތަކަށް ވަނީ ލުޔެއް ލިބިގެންގޮސްފައެވެ. އަދި ރައްޔިތުން މި ޙިދުމަތް ބޭނުން ކުރަމުންދާ މިންވަރު އޭނާ ފާހަގަކުރެއްވިއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މާލޭ އައިނު ފިހާރަ ހުޅުވާ ޚިދުމަތް ދޭން ފެށި ދެމަސް ދުވަސް ތެރޭގައި ދުވާލަކު 100 މީހުން ޙިދުމަތް ހޯދަމުން ދިޔަކަމަށެވެ. އަދި މިހާރު ދުވާލަކު 40 އެއްހާ މީހުން ޙިދުމަތް ހޯދާކަން ތަފާސްހިސާބުން ފެންނަން އެބަހުރިކަމަށެވެ. އޭނާ ވިދާޅުވީ އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 12988 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދީފައިވާކަމަށެވެ.
"އެގޮތުން އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 12988 ފަރާތަކަށް ވަނީ ހިދުމަތް ފޯރުކޮށްދީފައި. މީގެ ތެރެއިން 12056 ފަރާތަކަށް ސަރުކާރުގެ ހަރަދުގައި އައިނު ހައްދާ ވަނީ ފޯރުކޮށްދީފައި. މީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި ގުޅިފައިވާ ނުހަނު ބޭންވެފައިވާ ހިދުމަތެއްކަން މި ހިސާބުތަކުން ވަރަށް ސާފުކޮށް އެނގިގެން އެބަދޭ" ހަލީމް ވިދާޅުވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މާލެ ސަރަހައްދުން ބޭރުގައި އައްޑޫގައި މިހާރު އައިނު ފިހާރަ ހުޅުވިފައިވާއިރު މިމަހު ކުޅުދުއްފުށި ސިޓީގައި އައިނު ފިހާރަ ހުޅުވިގެންދާނެކަމަށް ހަލީމް ވިދާޅުވިއެވެ.
ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ވަނީ ހަދާފައެވެ.