ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޝީޢައީންގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި މަރުވި 31 މީހުންގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެއެވެ.
ހުކުރު ނަމާދަށް މީހުން ޖަމާވެފައިވަނިކޮށް، އިސްލާމްއާބާދުގައި ހުންނަ ޚަދީޖާތުލް ކުބްރާ މިސްކިތަށް މީހަކު ވަދެ، ފުރަތަމަ ބަޑިން ޙަމަލާދިނުމަށްފަހު، އެ މިސްކިތުގެ ގޯތިތެރޭގައި ވަނީ ބޮމެއް ގޮއްވާލައިފައެވެ.
އެ ޙާދިސާގައި އިތުރު 170 މީހުން ޒަޚަމްވެފައިވާއިރު، އެ ޙަމަލާގެ ޒިންމާ ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިއެސުން ވަނީ ނަގައިފައެވެ.
އެ ޙަމަލާގައި މަރުވި ގިނަ މީހުންގެ ޖަނާޒާ މިއަދު ބާއްވާފައިވާއިރު، އެ ޖަނާޒާގައި އާންމުންގެ އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. ޖަނާޒާ ކުރިއަށްދިޔަ ވަގުތު، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައެވެ.
ޕާކިސްތާނުގައި ސަލާމަތީ ގޮތުން އެންމެ ވަރުގަދަ އިސްލާމްއާބާދުގައި މިފަދަ ޙަމަލާތައް މަދުނަމަވެސް، މިދިޔަ ހުކުރު ދިން ޙަމަލާއަކީ، ފާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި އިސްލާމްއާބާދުގައި ދިން މިފަދަ ދެވަނަ ޙަމަލާއެވެ.
ނިރުބަވެރި ޖަމާޢަތްތަކުގެ ޙަމަލާތައް ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އިތުރުވެފައިވާ ދަނޑިވަޅެއްގައި، އާބާދީ ބޮޑު ސަހަރުތަކުގައި ނިރުބަވެރި ޙަމަލާތައް އަނެއްކާވެސް އިތުރުވުމުގެ ބިރު އާންމުންގެ ތެރޭގައި ވަނީ ބޮޑުވެފައެވެ.
މި ޙަމަލާގެ ފަހަތުގައި ތިބި އެންމެހާ ފަރާތްތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް ޕާކިސްތާނުގެ ސަރުކާރުން ވަނީ ބުނެފައެވެ.
އަދި މި ޙަމަލާގައި ޒަޚަމްވި މީހުންނަށް، ހޮސްޕިޓަލުގައި އެންމެ ރަނގަޅު ސިއްޙީ ފަރުވާ ފޯރުކޮށްދެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.