ސިޔާސީ

މައުމޫނާއި ބެހޭގޮތުން ދޮގު ވާހަކަ ނުފެތުރުން އެދެން- ޕީޕީއެމް


ރާއްޖޭގެ ވެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ރައީސް މައުމޫނާ މަޝްވަރާކުރައްމުން ގެންދަވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވަނީ ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ވާހަކަތައް ނުދެކެވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީ.ޕީ.އެމުން އިލްތިމާސްކުރައްވައިފިއެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން ޕީ.ޕީ.އެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ޢަލީމް ވިދާޅުވީ، ކުރީގެ ރައީސް އަދި ޕީ.ޕީ.އެމްގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމަކީވެސް އަދި ހަމައެހެންމެ ރައީސް ނަޝީދަކީވެސް ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށްވެފައި ރައްޔިތުންގެ ތާއީދާއި ލޯބި އޮތް ބޭފުޅުންނަށްވާއިރު، ޢާންމުންގެ މެދުގައި ޝައްކު އުފެދޭގޮތަށް ވަކި ބޭފުޅަކާ ބެހޭގޮތުން ދޮގުވާހަކަ ނުދެއްކެވުމަށް އެޕާޓީން އެދޭކަމަށެވެ. އަލީމް ވިދާޅުވީ، ރައީސް ނަޝީދު ސޯޝަލް މީޑިއާގެ ބައެއް ވަޞީލަތައް މެދުވިރިކުރައްވައިގެންނާއި، ބޭރުގެ މީޑިއާތަކުގައިވެސް، ވެރިކަން ބަދަލުކުރުމާ ގުޅޭގޮތުން، ރައީސް މައުމޫނާ މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައިވާކަމަށެވެ.

ސްރީލަންކާގައި ތިއްބަވާ ބޭރުގެ ކޮރަސްޕޮންޑަންޓުންނާއި، ވީޑިއޯ ލިންކް މެދުވެރިކުރައްވައި އިއްޔެ ނަޝީދު ވިދާޅުވެފައިވަނީ، ރައީސް މައުމޫނާ މަޝްވަރާކުރައްވައި ނުރުހުންތަށް ދޫކޮށްލެއްވުމަށް މަސަކަތް ކުރަމުން ގެންދަވާކަމަށެވެ. އަދި މީގެ ކުރިން ވެފައިވާ ކަންކަމަށް ވިސްނައިގެން ކުރިއެރުމެއް ނުލިބޭނެކަމަށެވެ. އަދި ރައީސް މައުމޫނަށް މަޢާފުކުރައްވައިފި ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި  ރައީސް މައުމޫނާއެކު ސިޔާސީ ގޮތުން އިއްތިޙާދުވުމަށް މަޝްވަރާ ކުރައްވަމުން ގެންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.

tw:https://twitter.com/maumoonagayoom/status/776318627712606209

މިފަދައިން ނަޝީދު މީގެ ކުރިން ވާހަކަދައްކައިފައި ވާކަމަށާއި، މިއީ ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށް މީގެ ކުރިންވެސް ރައީސް މައުމޫނު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވެފައެވެ. ނަޝީދުގެ ވާހަކަތަށް ޞައްޙަނޫންކަން ދޭހަވާފަދަ މޭރުމުން  މިއަދުވެސް އެމަނިކުފާނު ވަނީ ޓްވީޓެއް ކުރައްވާފައެވެ. މިޓްވީޓުގައި ރައީސް މައުމޫނު ވިދާޅުވެފައިވަނީ، "އެއް ފަހަރު ބުންޏަސް ތެދެއްވާނީ ތެދަކަށް. އެއްހާސް ފަހަރު ބުންނަސް ދޮގެއް ވާނީ ދޮގަކަށް" މިފަދައިންނެވެ.

އަލް ޖަޒީރާއިން އާންމުކުރި ޑޮކިއުމެންޓްރީގައި ދެއްކި ލިޔުމެއްގައި އިދިކޮޅު ފަރާތްތަކާ ގުޅުމަށް، ގިނަ އަދަދެއްގެ ޑޮލަރު ދިނުމަށް މައުމޫން ނަޝީދުގެ ކިބައިން އެދިވަޑައިގަތްކަމަށް ހާމަކުރައްވަފައިވެއެވެ. އަދި  ވަކި މިންވަރެއްގެ  ޑޮލަރު ނަޝީދު މައުމޫންއަށް ދެއްވިކަމަށްވެސް އަލްޖަޒީރާގެ ލިޔުމުގައި ތުހުމަތުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

tw:https://twitter.com/maumoonagayoom/status/773557267262124032

މިކަމާ ގުޅިގެންވެސް މައުމޫނުވަނީ ސިޔާސީ ޕާޓީއަކާ ގުޅުމަށް އަދި ޕާޓީއެއްގެ ފިކުރަކާ ގުޅުމަށް އެއްވެސް މިންވަރެއްގެ ފައިސާއެއް ހުށަނާޅުއްވާ ކަމަށާއި އެފަދަ ފައިސާގެ އަދަދެއް އެމަނިކުފާނަށް ލިބިފައިވެސް ނުވާކަމަށް ވިދާޅުވެފައެވެ. މިކަން ނަޝީދުވެސް ވަނީ ދޮގުކުރައްވާފައެވެ.

tw:https://twitter.com/MohamedNasheed/status/773565147541569536