ޚަބަރު

"ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއް، ސަވާބު ލިބިލިބި ހުންނާނޭ އަމަލެއް"


  • މައުޟޫއަކީ"ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް!"

ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއް ކަމަށާއި، ބަލިމީހަކަށް ލޭ ހަދިޔާކުރުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވެއްޖެ ނަމަ، އޭނާގެ މަރުދުވަހަށް ދާންދެން، އޭނާގެ ފުށުން، ލޭ ހަދިޔާކުރި މީހާއަށް ސަވާބު ލިބިލިބިހުންނާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުުޠުބާގެ މައުޟޫއަކީ"ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް!" މި މައުޟޫއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި ޞަދަޤާތްކުރުމަކީ، ދަރުމަހުރި އަމަލުތައް ކަމަށެވެ. އެންމެ ކުޑަމިނުން އުފާވެރި މޫނަކާއިގެން ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމީ ވެސް ކުރެވޭ ޞަދަޤާތެއް ކަމަށް ވިދާޅުވިއެވެ.

ހުޠުބާގައި ވިދާޅުވީ ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއްކަމުގައި ޢިލްމުވެރީން ދެކެވަޑައިގަންނަވާ ކަމަށެވެ. އެއީ އިންސާނާ މަރުވުމަށް ފަހުގައި ވެސް، އެ ޞަދަޤާތެއްގެ ހެޔޮ އަސަރު ދެމިހުރިހައި ހިނދަކު، ޞަދަޤާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނޭ އަމަލެއް ކަމަށެވެ.

"ބައެއް ހެޔޮ ޢަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވޭ، އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް، ތިމާއަށް ކޮށްލެވޭ މި ފަދަ ހޭދައެއްގެ ސަބަބުން ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަޞީބު ލިބޭ." ހުކުރު ޚުޠުބާ ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ މާތް اللهގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، މާދަމާ؛ (އާޚިރަތްދުވަހުން) އުފުލާންޖެހޭ ބޮޑެތި މުޞީބާތްތަކުން ދިންނަވާނޭކަމެއްކަމުގައެވެ. ކޮންމެ މުސްލިމަކު ވެސް މިއަދު އަވަސްވެގަންނާންވީ އެ ދުވަހުގެ ބިރުވެރިކަމާއި، އަޒާބުން މިންޖުވާނޭ ޢަމަލެއް ކުރެވޭތޯކަމަށެވެ. އެ ކަން ކުރެވޭން އޮތީ މިއަދުކަމަށް ހުކުރު ޚުޠުބާ ވިދާޅުވިއެވެ.

"ލޭ އަޅާން ބޭނުންވާ ޙާލަތްތަކުގައި، ބަލި މީހަކަށް އަޅާން ބޭނުންވާ ލޭ ހަދިޔާކޮށްދިނުމަކީ، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެއް. ޙައްޤަކާ ނުލައި އެންމެ މީހަކު މެރުމަކީ، ދުނިޔޭގައި ވާހައި ބަޔަކު މެރުން ފަދަ ނުބައިކަމެއް. ހަމަ އެ ފަދައިން އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، އެ އެންމެން ނުމަރައި ދިރިތިބޭން ދޫކޮށްލުން ފަދަ ހެޔޮ ކަމެއް." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ބަލި މީހެއްގެ ހަށިގަނޑަށް އަޅާންޖެހޭ ލޭ ނުލިބުމަކީ އޭނާ ދުނިޔެ ދޫކޮށްފާނޭ ކަމެއްކަމަށެވެ. އަދި އޭނާގެ ހަށިގަނޑަށް އަޅާން ބޭނުންވާ ލޭ ހަދިޔާކުރުމަކީ އޭނާއަށް ދުނިޔޭގައި ދިރިހުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ޓަކައި ކުރެވޭ ހެޔޮ ކަމަކަށްނޫނީ ނުވާނެ ކަމަށެވެ.

މިއަދު ދިވެހިރާއްޖޭގެ ބުލަޑުބޭންކުތައް ވަނީ، ލޭހަދިޔާކުރާނެ މީހުންނަށް ބޭނުންވެފައެވެ. ކޮންމެ މީހަކު ހަދިޔާކުރާ ލެއަކީ، މީހެއްގެ ފުރާނަސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ލިބޭނޭ ސަވާބާއި ދަރުމައާ މެދު ވިސްނާލުމަށް ޚުޠުބާގައި ވަނީ ގޮވާލައި، އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައްބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުންކަން ހަނދާންކޮށްދީފައެވެ.