ވިޔަފާރި

ޢުމަރު ޝޮޕިންގ އާކޭޑްގެ އައު ޢިމާރާތް ދެމަސްތެރޭ ނިމޭނެ- އެސްޓީއޯ


ޢުމަރު ޝޮޕިންގ އާކޭޑްގެ 10 ބުރީގެ އައު ޢިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ނިންމައި އެތަން ހުޅުވާނެކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ. 

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ މި ޢިމާރާތުގެ ފުރަތަމަ ތިންބުރީގައި ޒަމާނީ ފެންވަރުގެ އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯރޫމެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކުރިންވެސް އެސްޓީއޯގެ އިލެކްޓްރޯނިކްސް ވިޔަފާރިކުރަމުން އައީ ޢުމަރު ޝޮޕިންގ އާކޭޑު ބިލްޑިންގްގައެވެ. ކުރިން ހުރި ޢުމަރު ޝޮޕިންގ އާކޭޑްގެ ޢިމާރާތް ތަޅާލައި ދިހަބުރީގެ ޢިމާރާތެއް ބިނާކުރުމަށްޓަކައި އިލެކްޓްރޯނިކް ސާމާނު ވިއްކުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަށް ވަނީ ބަދަލުކޮށްފައެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ ޢުމަރު ޝޮޕިން އާކޭޑުގެ އައު ޢިމާރާތަށް އިލެކްޓްރޯނިކް އުފެއްދުންތައް ވިއްކުން ބަދަލުކޮށް، ކުރިއަށްވުރެ ގިނަ އުފެއްދުންތައް އެތަނުން ލިބެން ހުންނާނެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ. އަދި އެތަނުގައި ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

ދިހަ ބުރީގެ މި ޢިމާރާތުގެ ތިން ފްލޯ އެލައިޑް އިންޝުއަރެންސްގެ އޮފީސް ހިންގަން ޚާއްޞަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޢިމާރާތުގައި ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސްވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވިއެވެ.