ކުޅިވަރު

މޮޅެތި އެތުލީޓުން އުފެދުމުގެ އަސްލަކީ ރައީސް ކުޅިވަރަށް ދެއްވާ އަހަމިއްޔަތުކަން: ޠަލާލް


  • ކުޅިވަރުގެ 879 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ކުރިޔަށް އެބަދޭ

  • 92 މަޝްރޫއެއްގެ މަސައްކަތް ސަރުކާރުން މިހާތަނަށް ނިންމާފައިވޭ

  • މިހާރު ކުރިއަށްދާ މަޝްރޫޢުތައް 12 މަސްދުވަހުގެ ތެރޭގައި ނިމޭނެ

ރާއްޖޭގެ އެކި ހިސާބުތަކުގައި މޮޅެތި އެތުލީޓުން އުފެދެމުންދާ މައިގަނޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުޅިވަރު ތަރައްޤީކުރުމަށް ދެއްވަމުންގެންދަވާ އަހަމިއްޔަތުކަންކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ޠަލާލް މިހެން ވިދާޅުވެފައި ވަނީ މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ފުރަތަމަ މުބާރާތްކަމަށްވާ ކާވާ ވިމެންސް ލީގު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވާކަމެއްކަން ޠަލާލްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެފުރުސަތުތައް ފަހިކުރުމަށް ކުޅިވަރާއި ގުޅުންހުރި ވަސީލަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީކުރަމުން އަންނަކަމަށާއި، މި މަސައްކަތުގައި ކުޅިވަރު ވަޒީރު ދެއްވަމުން އަންނަ އެއްބާރުލެއްވުން ވެސް ޠަލާލް ވަނީ ފާހަގަކުރައްވާފައެވެ.

"ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓުކުރުމުގެ ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަންދެއްވާކަމެއް. އެކަމަށް އިސްކަންދެއްވުމުގެ ގޮތުން ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް، ހަމަ އެކަނި މާލެއަކު ނޫން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް އެވަސީލަތްތައް ތަރައްގީކުރުމަށްޓަކައި އެމަނިކުފާނު އެގެންދަވަނީ ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން. އަދި އެމަނިކުފާނުގެ އެ ނިންމެވުން ތަންފީޒުކުރުމުގައި މިނިސްޓަރ ޢަބްދުﷲ ރާފިޢުވެސް އެވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން އެގެންދަވަނީ" ޠަލާލް ވިދާޅުވިއެވެ.

ކުޅިވަރު ތަރައްގީކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އެގޮތުން ދަނޑުތަކާއި ކޯޓުތަކުގެ އިތުރުން ޓްރެކްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނައިރު، ކުޅިވަރާއި ގުޅުންހުރި އެހެނިހެން ވަސީލަތްތަކާއި ދާއިރާގެ ފަންނީ މީހުން ތަމްރީނުކުރުމަށްވެސް މަސައްކަތްތަކެއްދަނީ ކުރެވެމުންނެވެ. މިމަސައްކަތުގެ ދަށުން ބިދޭސީ ކޯޗުންގެ އެހީގައި ރާއްޖޭގެ އެތުލީޓުން ތަމްރީނުކުރެވި، ބޭރުގެ ގައުމުތަކަށް ދިވެހި އެތުލީޓުން ފޮނުވައިގެން ކުރެވެމުންދާ މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ.

ކުޅިވަރާއި ގުޅުންހުރި އެންމެހައި ކަންކަމެއްގައި ސަރުކާރުން ދެއްވާ އެއްބާރުލެއްވުމާއި، ކުޅިވަރު ވަސީލަތްތައް ތަރައްގީކުރެއްވުމަށް ދެއްވަމުންދާ އިސްކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކުޅިވަރުތަކުން ފާހަގަކުރެވޭ މޮޅެތި ހުނަރުވެރި ކުޅުންތެރިން އުފެދެމުން އަންނަކަމަށް ޠަލާލްގެ ވާހަކައިގައިވަނީ ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރުގެ ތަރައްގީގައި ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުން ބައިނަލްއަގްވާމީ މުބާރާތްތައް ދިވެހި ފަސްގަނޑުގައި ބޭއްވުމުގެ މަގު ތަނަވަސްވަމުންދާކަމަށް ޠަލާލް ހާމަކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާނެ، މިފަދަ ވަސީލަތްތައް ތަރައްގީކުރުމުން އޭގެ ސަބަބުން ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އެކި ކުޅިވަރުތަކުގެ ކުޅުންތެރިން އުފެދި، އެކުޅުންތެރިންގެ ހުނަރު ތަރައްގީވެގެންދާނެ. ހަމަ އެއާއިއެކު ބައިނަލްއަގްވާމީ އެކުއެކި މުބާރާތްތައް ބޭއްވުމުގެ ފުރުސަތުވެސް ތަނަވަސްވެގެންދާނެ" ޠަލާލް ވިދާޅުވިއެވެ.

ކާވާ ވިމެންސް ލީގު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ޠަލާލް ވަނީ މުބާރާތުގައި ވާދަކުރަމުންދާ ރާއްޖޭގެ ދެޓީމަށް ކާމިޔާބަށް އެދި ވަޑައިގެންފައެވެ. ޓީމަށް ހިތްވަރުދެއްވަމުން ޠަލާލް ވިދާޅުވީ ދާދިފަހުން ނިމިގެން ދިޔަ ސާފް ފުޓްސަލް މުބާރާތުގެ ރަންތަށި ޤައުމީ ފުޓްސަލް ޓީމުން ހިއްލާލައި ގައުމު ފަޚުރުވެރިކޮށްލި ފަދައިން ކާވާ ވިމެންސް ލީގުގައިވެސް ވާދަކުރަމުންދާ ރާއްޖޭގެ ދެ ޓީމުންވެސް ހިތްވަރާއިއެކު މަސައްކަތްކޮށް ކާމިޔާބަށް ވާސިލްވާތަން ދުށުމަކީ ކުރައްވާ އުންމީދެއްކަމަށެވެ.

"މިމުބާރާތުގައި ބައިވެރިވި ދިވެހި ދެޓީމުން ބައިވެރިވާތީ ދިވެހި ދެޓީމަށްވެސް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން އުންމީދުކުރަމޭ، ހަމަ އެފަދަ ކާމިޔާބީއެއް އަޅުގަނޑުމެންގެ ދިވެހި ދެޓީމުންވެސް ހޯދުމަށް. އަދި އަޅުގަނޑުގެ އުންމީދަކީވެސް ދުއާއަކީވެސް ދިވެހި ދެ ޓީމު، މިމުބާރާތުގެ ފައިނަލާއި ހަމައަށް ދަތުރުކޮސް ފައިނަލުގައި ވާދަކުރާތަން ފެނުން" މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުންދާ ދެ ޓީމަށް ހިތްވަރުދެއްވަމުން ޠަލާލް ވިދާޅުވެފަވެއެވެ.

ޒުވާނުންގެ މަރުޒަކުގެ އެތެރޭ ހޯލުގައި ކުރިއަށްދާ ކާވާ ވިމެންސް ލީގު 2026ގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ދެ ޓީމަކީ ވޮލީގައި ގިނަ ކާމިޔާބުތަކެއް ހޯދަމުންދާ ހުރާ ކޮމިއުނިޓީ ކުލަބާއި ކުލަބު ވެމްކޯއެވެ. ރާއްޖޭގެ ދެ ޓީމުގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބާއި ކަޒަކިސްތާންގެ ޓުރާން ވޮލީބޯލް ކްލަބް، ނޭޕާލްގެ ޕޮލިސް ކްލަބް އަދި އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބްގެ އިތުރުން އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާންއެވެ.