ޚަބަރު

ރޯދަ ހަދިޔާ ދޫކުރާ މަރުކަޒު ހެންވޭރު ދަނޑުން ގަލޮޅު ދަނޑަށް


  • ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ދެން ދޫކުރާނީ ގަލޮޅު ދަނޑުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ބަހަމުންދާ ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތަކަށް ބަދަލެއް ގެނެސްފިއެވެ.

މިގެނައި ބަދަލާއިއެކު މީގެ ކުރިން ހެންވޭރު ދަނޑުގައި ޤާއިމްކޮށްފައިވާ މަރުކަޒުން ދޫކުރަމުންދިޔަ މަސްދަޅު ކޭސްތައް ދެން ދޫކުރާނީ ގަލޮޅު ދަނޑުންނެވެ.

މި ބަދަލަށް އަމަލުކުރަން ފަށާނީ މިރެއިން ފެށިގެންނެވެ. އެހެންކަމުން، މިރެއިން ފެށިގެން ހެންވޭރު ދަނޑުގެ ބަދަލުގައި ރޯދާ ހަދިޔާގެ މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމުތައް ކުރިއަށްދާނީ ގަލޮޅު ދަނޑުގައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިގެނައި ބަދަލާއިއެކު ރޯދަ ހަދިޔާ ހޯދުމަށް، ހެންވޭރު ދަނޑަށް އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތަކުންވެސް، މިރެއިން ފެށިގެން ދެން ދާންޖެހޭނީ ގަލޮޅު ދަނޑަށް ކަމަށެވެ. އަދި އެޕޮއިންޓްމެންޓް ހައްދާފައިވާ ގަޑިތަކަށް ގަލޮޅު ދަނޑަށް ދިއުމުން ހަދިޔާ ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ މަގުންނެވެ. ފާއިތުވި ދެ އަހަރުގެ ތަޖުރިބާއަށް ބިނާކޮށް، މިއަހަރުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އެގޮތުން މަސްދަޅު ކޭސް ބަލައި ދިއުމަށްޓަކައި "ރޯދަ ހަދިޔާ" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމާއި، ޓޯކަން ނެގުމުގެ ނިޒާމެއް ވަނީ ތަޢާރަފްކޮށްފައެވެ.

ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރެޓަރ މާލެ ސަރަޙައްދުގެ ގޭބިސީތަކަށް މިހާތަނަށް 35،132 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,773 މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭގެ 61,755 ގޭބީސީއަކާއި، އަތޮޅުތެރޭގެ 56,918 ގޭބީސީއެވެ. މާލެ ސަރަހައްދުގައި މި ތަކެތި ބަހަން ފަށާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 24 ވީ ހޮނިހިރު ދުވަހުގައެވެ.