ސްކޭމް ކޮށްގެން ހޯދި ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައި، އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ ޙަސަން ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭހުގައި ބަންކު ބެޑެއް ވިއްކާކަމަށް ޕޯސްޓުކޮށް، މީހަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެ މީހާ އަތުން ފައިސާ ހޯދައި، އެ ލިބުނު ފައިސާ އެހެން މީހެއްގެ އެކައުންޓަކަށް ޖަމާކުރުވައި، އެ ފައިސާ ނެގުމުގެ މައްސަލައާ ގުޅިގެން ކަމަށެވެ.
އަދި ޙަސަނަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކަށްވުމުން، ވޯކް ޕާމިޓު އޮންނަ ފަރާތެއްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އޭނާ ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިމަހުގެ 4ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް، ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، ސްކޭމް ކޮށްގެން ހޯދާ ފައިސާ ބިދޭސީންގެ އެކައުންޓަށް ޖަމާކުރުވައި، ދައުރު ކުރުވަމުންދާ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިއެއްގެ މިފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ މޯލްޑިވްސް އިމިގްރޭޝަނާ އެ މީހަކު ޙަވާލުކުރާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މިފަދަ އަމަލެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ފުލުހުންގެ ޚިދުމަތަށް ރިޕޯޓު ކުރުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައެވެ.