ޤައުމީ ދިފާޢީ ބާރުގެ ޤާބިލީއްޔަތުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ތަރައްޤީ ކުރާ އެއާ ސްޓޭޝަނުގެ ޚިދުމަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ދިފާޢީ ބާރުގެ މަސައްކަތް ހަރުދަނާ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތް ހިއްސާ ކޮށްދެއްވާފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިދިޔަ އަހަރު ތެރޭގައި މުުހިިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި އަސްކަރީއްޔާ ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯސްޓްގާޑު ދެގުނަ ކުރުމަށް މަސައްކަތް ފެށިފައިވާ ކަމަށެވެ. މިކަމުގެ ތަފްސީލު ހިއްސާކުރައްވާ، އެމަނިކުފާނު ވިދާޅުވީ ތުރުކީ ވިލާތުން ހަދިޔާކުރެއްވި ސިފައިން ޚިދުމަތުގައި މިހާރު ބޭނުން ކުރަމުންދާ އެންމެ ބޮޑު އަސްކަރީ މަނަވަރު މިދިޔަ އަހަރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. މީގެއިތުރުންވެސް އިތުރު އުޅަނދުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކަށް، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންސްޕެކްޓަރ ވެސަލް ހޯދުމުގެ މަސައްކަތް ފަށައި 3 އުޅަނދު މިހާރު ވާނީ ޚިދުމަތަށް ނެރެފައި. މިއަހަރު ތެރޭގައި އިތުރު 17 އުޅަނދު ޚިދުމަތައް ނެރެވޭނެ. އަދި ޖަޕާން ސަރުކާރުން 2 ހާބަރ ކްރާފްޓް ވެސަލް ހޯދުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާފައިވޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރާ މަނަވަރު މިއަހަރު ޚިދުމަށް ނެރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން އެމްއެންޑީއެފް އެއަރ ކޯ 2024 ވަނަ އަހަރު އުފައްދައި ފުރަތަމަ އެއާ ސްޓޭޝަން މިދިޔަ އަހަރު ސ. ގަމުގައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މި މަސައްކަތަށް އަލިއަޅުވައި އެމަނިކުފާނު ވަނީ، ށ. އަތޮޅުގައި ތަރައްޤީ ކުރާ އެއާ ސްޓޭޝަން މިއަހަރު ޚިދުމަތައް ނެރެފައިވާ ކަމަށް ވިދާޅުވެފައެވެ.
"މިދިޔަ އަހަރު އެމްއެންޑީއެފް އެއަރސްޓޭޝަން ސ. ގަމުގައި ވަނީ ޚިދުމަތް ވަނީ ފަށާފައި. އަދި އުތުރުގައި އެއަރސްޓޭޝަނެއް ޤާއިމް ކުރުމަށް ނިންމައި ށ. ފުނަދޫގައި ތަރައްޤީކުރެވޭ އެއަރސްޓޭޝަން ނިންމައި އިރާދަ ކުރެއްވިއްޔާ މިއަހަރު ބޭނުން ކުރަން ފަށާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިދިޔަ އަހަރު އެމްއެންޑީއެފްއަށް އެންމެ ޒަމާނީ އުޅަނދު ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަހަރު ތެރޭ އިތުރު މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މިއަހަރު ތެރޭގައި މުހިންމު މަސައްކަތް މި ދާއިރާގައި ކުރެވޭނެކަން ހާމަކުރައްވާފައެވެ. މީގެ ތެރޭގައި ގިރިފުށި ބިން ހިއްކުމާއި، އެމްއެންޑީއެފް އައްޑޫ ޓްރެއިނިން ސެންޓަރު ތަރައްޤީ ކުރުމުގެ އިތުރުން ކަޅުތުއްކަލާ ކޮށީގައި އުމްރާނީ ތަރައްޤީގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސިފައިންގެ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އެކިދާއިރާތަކުން ދިވެހި އަސްކަރީއްޔާގެ ޤާބިލްކަން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.