ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ މަޝްވަރާގެ ދެވަނަ ބުރުގެ ފެށުން ރަނގަޅު


2022ވަނަ އަހަރުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެ ތިން ޤައުމުގެ މެދުގައި ކުރަމުންދާ މަޝްވަރާތަކުގެ ދެވަނަ ބުރުގައި ވާހަކަތައް ކުރިއަށް ދަނީ އެދެވޭ ގޮތަކަށް ކަމަށް މަޝްވަރާގެ ބައިވެރިން ބުނެފިއެވެ.

ދެ ދުވަހުގެ މުއްދަތަށް އަބޫ ދާބީގައި ކުރިއަށްދާ މި މަޝްވަރާތަކުގެ ފުރަތަމަ ދުވަސް މިހާރު ވަނީ ނިމިފައެވެ. އެ ދުވަހުގެ މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔޫކްރެއިންގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާ އެ ޤައުމުގެ ޤައުމީ ސަލާމަތާއީ ދިފާޢުއާ ބެހޭ ކައުންސިލްގެ އިސްވެރިޔާ، ރުސްތެމް ޔުމެރޮވް ވިދާޅުވީ އޮއްޓަރުހުރި ވާހަކަތަކެއް ދެކެވުނު ކަމަަށާއި، މްއްސަލަ ޙައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

އެމެރިކާގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވެސް އެ މަޝްވަރާތައް ސިފަ ކުރައްވާފައި ވަނީ ފައިދާކުރަނިވި އަދި ބިނާކުރަނިވި ވާހަކަތަކެއް ދެކެވުނު ބައްދަލުވުމެއްގެ ގޮތުގައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ މަޝްވަރާތައް މެދުވެރިކޮށް ހަޤީޤީ ޞުުލްޙައާ ހަމައަށް ވާސިލްވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ރަޝިޔާއިން ހަނގުރާމައައިގެން ކުރިއަށް ދިޔުމަށް އެ މަޝްވަރާތަކުގެ ސަބަބުން ފުރުޞަތު ލިބިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ޔޫކްެރެއިންއަށް ވާގިވެރިވާ ޤައުމުތަކުން ރަޝިޔާއަށް ފިއްތުންތައް ކުރިމަތި ކުރުމަށް އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ މަޝްވަރާތައް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުން އެ މަޝްވަރާތަކުގެ މިސްރާބު ހުރީ ޞުލްޙަ ޤާއިމްކުރުމާއި ހަނގުރާމަ ހުއްޓައިލުމާ ގާތަށް ކަމުގެ އިޙްސާސް ޔޫކްރެއިންގެ ރައްޔިތުންނަށް ކުރެވެންވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރަޝިޔާއިން އެ ޤައުމަށް ފައިދާވާނެ ހެން ހުރިހާ ޙާލަތެއްގެ ބޭނުން ހިފައި ޙަމަލާ ދިނުން ކުރިއަށް ގެންދާ ކަމުގެ އިޙްސާސް ކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޝްވަރާތަކުގެ ސަބަބުން ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު އަސީރުން ބަދަލުކުރުމުގެ އައު ބުުރެއް ވަރަށް އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މަރުވި ޔޫކްރެއިންގެ ސިފައިންގެ ޢަދަދު މިހާރު 55،000އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އަހަރެއް ކުރިން، 2025ވަނަ އަހަރުގެ ފެބަރުއަރީ މަހުގެ ތެރޭގައި ޒެލެންސްކީ ވަނީ ހަނގުރާމައިގައި މަރުވި ސިފައިންގެ ޢަދަދު އޭރު ހުރީ 46،000ގައި ކަމަށް ވިދާޅުވެފައެވެ.

މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު ރަޝިޔާއާއި ޔޫކްރެއިންއާ ދެ ޤައުމުގެ އަސްކަރީ ޓެކްނިކަލް ޓީމުތައް ބައްދަލުކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ޤައުމުުން މި ގޮތަށް މުއާމަލާތު ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

ރަޝިޔާގެ ތަރުޖަމާނު ދިމިތުރީ ޕެސްކޮވް ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނެވޭ ފަދަ ނިންމުމެއް ޔޫކްރެއިނުން ނިންމަންދެން ރަޝިޔާއިން ހަނގުރާމަ ކުރަމުންދާނެ ކަމަށެވެ.