ސަލްމާން މިސްކިތުގެ ފިނިކުރާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ރަމަޟާން މަސް ފެށުމުގެ ކުރިން ހައްލުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ސަލްމާން މިސްކިތުގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މީޑިޔާތަކަށް ފޮނުއްވި މެސެޖެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ ވުޒާރާއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް ގުޅިގެން ސަލްމާން މިސްކިތުގެ ފިނިކުރާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެވޭނެ ކަމަށެވެ. އަދި މިދިޔަ އަހަރުވެސް އެ މިސްކިތުގެ ފިނިކުރާ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ޖެހިގެން މަރާމާތުވެސް ކުރިކަމަށެވެ.
މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ނިންމާފައިވާއިރު، ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އައު މިސްކިތްތައް ހުޅުވުމާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ބަރާބަރަށް ކުރިއަށްގެންދެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން 15 މިސްކިތެއްގެ މަސައްކަތް ނިންމައި، ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިއީ ރަމަޟާން މަހު މިސްކިތްތަކަށް ބާރުބޮޑުވާ ވަގުތުތަކުގައި އާންމުންނަށް ލުއިފަސޭހަކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.