ޓީމެއްގެ ގޮތުގައި ކަމަކާ ކުރިމަތިލާއިރު، ކާމިޔާބީއެއް ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓީމު ތެރޭގައި އެކަކު އަނެކަކަށް އޮންނަ އިހުތިރާމާއި ބަދަހިކަން ކަމަށް ޤައުމީ ފުޓްސަލް ޓީމުގެ މެނޭޖަރު މުޙައްމަދު އުމެއިރު ބުނެފިއެވެ.
ރާއްޖޭގެ ގޯލްޑް ޓީމާއެކު ޕީއެސްއެމުން ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަމުން އުމެއިރު ވަނީ، މި ކާމިޔާބީއާ ހަމައަށް ދިއުމުގައި މެނޭޖަރެއްގެ ޒިންމާ އަދާކުރުމަށް އޭނާ ކުރި މުހިންމު ބައެއް ކަންކަން ހިއްސާކޮށްފައެވެ. އަދި ކާމިޔާބީއެއް ހޯދުމަށް ކުރާ މަސައްކަތުގައި އެންމެ މުހިންމުކަމަށް އޭނާ ދެކޭ ކަންކަމާ ގުޅޭގޮތުން ވެސް އުމެއިރު ވާހަކަދެއްކިއެވެ. މީގެއިތުރުން، ކުޅުންތެރިއެއްގެ ގޮތުގައި ޤައުމު ތަމްސީލުކުރި ދުވަސްތަކުގެ ފޮނި ހަނދާންތައް ވެސް އުމެއިރު ހިއްސާކުރިއެވެ.
އުމެއިރު ބުނީ، ކުޅުންތެރިއެއްގެ ގޮތުގައި 18 ވަރަކަށް އަހަރު ކުރި ތަޖުރިބާގެ އެހީގައި، އެ ކަންކަން ކުޅުންތެރިންނާ ހިއްސާކޮށް، ފިލާވަޅު ނަގައިދޭ ކަމަށެވެ.
އެއަށްފަހު އުމެއިރު ވަނީ ކާމިޔާބީއެއްގެ ފަހަތުގައި އެކަކު އަނެކަކަށް ކުރާ އިހުތިރާމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކާފައެވެ.
"ކާމިޔާބެއް ހޯދުމުގައި، އެންމެ މުހިންމު ކަމަކީ އިހުތިރާމްކުރުންކަން އެ މީހުން (ކުޅުންތެރިން) ކައިރީ އަބަދުވެސް ކިޔަމުން އައި އެއްޗެއް އެއީ. އިހުތިރާމްގެ ތެރެއިން ޑިސިޕްލިން އިންނަންވާނޭ. ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭނޭ. އަހަރެންނަށް އަސްލު އެންމެ މައިގަނޑު އެއްޗަކީ 2008 ގައި ރާއްޖެއިން ހޯދި ކާމިޔާބީ. އޭރު 18 އަހަރު އަހަރެންނަށް. އޭރު އަހަރެން ކުޑަވީމަ، ސީނިއަރ ކުޅުންތެރިންނާ އެންމެން ވަރަށް ލޯބިން އަހަރެންނާ މެދު ކަން ކުރާނީ. ވަރަށް ހަނދާންތައް އެބަހުރި، އެ ހަނދާންތައް ކުޅުންތެރިންނާ އަހަރެން ހިއްސާކުރީ. ޕްލެޔަރުންނަށް މި ވިސްނަނުދޭ އެންމެ ދުވަހެއްވެސް ނުދާނެ. ކާމިޔާބެއް ހޯދަން ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން، އެއްވެސް މައްސަލައެއް ޖެހިގެން ނުވާނޭ ޕްލެޔަރުން ކައިރީގައި ބުނަން. ޓީމު ދެބައިވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނޭ ކުޅުންތެރިން ކައިރީ ބުނަން. ޕްލެޔަރުންނަށް އަންގަދީފަ އޮންނާނީ، އެހެން މަސައްކަތް ކުރާ މީހަކު މި ޓީމަކު ނުހުންނާނޭ". ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އުމެއިރު ބުންޏެވެ.
ޓީމަކުން މުބާރާތެއްގައި ކާމިޔާބީއެއް ހޯދަން އެކަކު އަނެކަކަށް އިހުތިރާމުކޮށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އުމެއިރު ވާހަކަދެއްކިއިރު، ޤައުމީ ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ވަރުގަދަކަމާއި އޮތް ބަދަހިކަމުގެ ވާހަކަ މީޑިއާތަކުންނާއި ފުޓްސަލް ކޮމިއުނިޓީން އައީ ފާހަގަކުރަމުންނެވެ.
އަދި އެ ގުޅުމާއި ބަދަހިކަން، މެޗުތެރޭގައި ވެސް ފެނުނު ކަމަށާއި، މި ކާމިޔާބީގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސިއްރަކީ އެ ބަދަހިކަން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވެސް އައީ ބުނަމުންނެވެ.
މެޗުތަކުގައި ވަކި ކުޅުންތެރިއަކު އަމިއްލައަށް ލަނޑުޖެހުމާއި އަމިއްލަ ހުނަރު ދައްކަން އުޅުމުގެ ބަދަލުގައި، ޕާސިން، ޓީމް ވޯކް ފެނިގެންދިޔަ ގޭމެއް ކުޅުމުގެ ސަބަބުން ރާއްޖެއިން މުބާރާތް ނިންމާލީ ލަނޑުޖެހުމުގައި ވެސް ތަފާތު ދައްކަމުންނެވެ. އަދި ބައިކޮޅަށް ވަން ގޯލު މަދުވުމަކީ ވެސް އެ ބަދަހިކަން ސާބިތުކޮށްދޭ ދަލީލެއްކަމަށް ގިނަބަޔަކު ބުނެއެވެ.