ޚަބަރު

އިންޑިިޔާގެ މުދަލުން އެމެރިކާއިން ނަގަމުން ދިޔަ ޓެރިފް ކުޑަކުރަނީ


އެމެރިކާއާއި އިންޑިޔާއާ ދެމެދު ވިޔަފާރި އެއްބަސްވުމެއް އެކުލަވާލައި، އިންޑިޔާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގަމުން ދިޔަ މާސިންގާ ޓެރިފްތައް ކުޑަ ކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގަންނަވާ ތަޢާރަފް ކުރެއްވި ޓެރިފްތަކުގެ ދަށުން އެ ޤައުމަށް އިންޑިޔާއިން އެތެރެކުރާ މުދަލުން ދިޔައީ 25 އިންސައްތައިގެ ޓެރިފެއް ނަގަމުންނެވެ. އަދި އިންޑިޔާއަކީ ރަޝިޔާއިން ތެޔޮ ގަންނަ ޤައުމަކަށް ވުމުން، ކުރިން ނަގަމުން ދިޔަ ޓެރިފްގެ އިތުރުން، 25 އިންސައްތައިގެ އިތުރު ޓެރިފެއް ނަގައި، އެމެރިކާއިން ދިޔައީ އިންޑިޔާއިން އެތެރެކުރާ މުދަލުން ޖުމްލަ 50 އިންސައްތައިގެ ޓެރިފެއް ނަގަމުންނެވެ.

ނަމަވެސް ޓްރަމްޕް މިހާރު ވަނީ އިންޑިޔާއާއެކު ވިޔަފާރި އެއްބަސްވުމެއް ޤާއިމްކޮށް، އެ ޤައުމުން އެތެރެކުރާ މުދަލުން ނަގަމުން ދިޔަ ޓެރިފް 50 އިންސައްތައިން 18 އިންސައްތައަށް ކުޑަކުރުމާސް ނިންމައިފައެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމަށް ފަހު ޓްރަމްޕް ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ އިންޑިޔާއިން ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އެ ޤައުމުން ދެން ތެޔޮ ގަންނާނީ އެމެރިކާއިންނެވެ. އަދި ވެނެޒުއެލާއިން ތެޔޮ ގަތުން ވެސް އެކަށީގެންވެއެވެ. އެއާއެކު، ރަޝިޔާއިން ތެޔޮ ގަންނަ ޤައުމުތަކުން ނަގާ 25 އިންސައްތައިގެ ޓެރިފް ދެން އިންޑިޔާއިން އެތެރެކުރާ މުދަލުން ނުނަގާނެއެވެ.

ޓްރަމްޕް ވިދާޅުވި އިންޑިޔާއިން 500 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަކަތައާއި ޓެކްނޮލޮޖީއާއި ދަނޑުވެރި ސާމާނު އެމެރިކާއިން ގަތުމުގެ އިތުރުން، އެއަށްވުރެ މަތީ ދަރަޖައެއްގައި އެމެރިކާގެ މުދާ ގަތުމަށް އިންޑިޔާއިން އިސްކަންދޭނެ ކަމަށެވެ. އަދި އެމެރިކާއިން އެތެރެކުރާ މުދަކުން އިންޑިޔާއިން ނަގާ ޓެރިފް އެއްކޮށް ކަނޑައިލުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެއާއެކު އެމެރިކާއިން އިންޑިޔާގެ އަތުން ކުރިން ނަގަމުން ދިޔަ 25 އިންސައްތައިގެ ޓެރިފް 18 އިންސައްތައަށް ކުޑަކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ އިޢުލާނުަގައި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލްތައް ހާމަކުރައްވައިފައެއް ނުވެއެވެ. ދަށް ރޭޓުގައި ޓެރިފް ނަގަން ފަށާނެ ތާރީޚު އަދި އިންޑިޔާއިން ރަޝިޔާ އަތުން ތެޔޮ ގަތުން ހުއްޓައިލަންޖެހޭ އެންމެ ފަހު ތާރީޚު ވެސް ބަޔާންކުރައްވައިފައެއް ނުވެއެވެ.