ޚަބަރު

އުތުރުގައި ބޭއްވި ހިޔަލަ އެކްސްޕޯއަށް ބޮޑު ތަރުޙީބެއް


  • އެކްސްޕޯ ބާއްވާފައިވަނީ ހއ. ދިއްދޫއާއި އިހަވަންދޫގައި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް ޚާއްޞަ "ހިޔަލަ އެކްސްޕޯ" ތިލަދުންމަތީ އުތުރުބުރީގެ ދެރަށެއްގައި ބާއްވައިފިއެވެ.

މި އެކްސްޕޯ ބާއްވާފައިވަނީ ހއ. ދިއްދޫއާއި އިހަވަންދޫގައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އަދި އިހަވަންދޫގައި ބޭއްވި "ހިޔަލަ އެކްސްޕޯ"އަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ. އަދި މިއެކްސްޕޯގައި 1500 އަށްވުރެ ގިނަ އާންމުން ޒިޔާތްކޮށްފައިވާ ކަމަށެވެ. މިއެކްސްޕޯގެ ސަބަބުން ގޭގައި ތަކެތި އުފައްދާ ފަރާތްތަކަށް، އެފަރާތްތަކުން ތައްޔާރު ކުރާ ބާވަތްތައް މާކެޓް ކުރުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާއިރު އެއީ އާންމުން ބަލައިގަތް ކަމެއްގެ ގޮތުގައި ބީސީސީން ފާހަގަކުރެވެ. މިފުރުޞަތުގައި އެ ދެރަށުގެ 17 އަށްވުރެ ގިނަ އުފެއްދުންތެރިން މި އެކްސްޕޯގައި ބައިވެރިވެފައިވާ ކަމަށް ބީސީސީން ވިދާޅުވެއެވެ.

އިހަވަންދޫގައި އާދިއްތަ ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10 ޖެހުމާއި ހަމައަށް ބޭއްވި މިއެކްސްޕޯގައި ތަކެތި ވިއްކުމުގެ އިތުރުން އެތަނަށް ޒިޔަރާތް ކުރާ ފަރާތްތަކަށް އިނާމު ލިބޭނެ އެކި ޙަރަކާތްތަކާއި، ކުޑަކުދިންނާ ގުޅޭ އެކި ކުޅިވަރު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިއްދޫގައި އެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުއެވެ. ހަވީރު 4 އިން 6 އަކަށް ބޭއްވި މިއެކްސްޕޯއަށްވެސް ބޮޑު ތަރުޙީބެއް ލިބުނު ކަމަށް ބީސީސީން ވިދާޅުވެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ވަނީ، ކުދި ވިޔަފާރިތައް ކުރިއަރުވައި އެހީތެރިވެދިނުމަށްޓަކައި މި އަހަރުގެ ތެރޭގައި ގިނަ ޙަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް އިތުރު ފުރުޞަތުތައް ފަހިކުރުމަށް ބީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.