ޚަބަރު

ބޮޑު ހަނގުރާމައެއް ހިނގަން ރަޝިޔާއިން ބޭނުމެއް ނޫން: މެދްވޭދެފް


ދުނިޔޭގެ ހާލަތު މި ވަގުތު ވަރަށް ނުރައްކާތެރި ފައްތަރަށް ވެއްޓިފައި އޮތް ނަމަވެސް ރަޝިޔާއިން އެއްވެސް ހާލަތެއްގައި ބޮޑު ހަނގުރާމައެއް ހިނގަން ބޭނުން ނުވާ ކަމުގައި އެ ޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޗެއަރމަންގެ ނައިބު ދްމީތުރީ މެދްވޭދެފް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، 2022ވަނަ އަހަރުގެ ފެބުރުވަރީ މަހު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ހަނގުރާމައާ އެކު، މޮސްކޯއާއި ހުޅަނގުގެ ބާރުތަކާ ދެމެދު ވަނީ ވަރަށް ބޮޑު ނުތަނަވަސްތަކެއް އުފެދިފައެވެ. މިއީ، ފިނި ހަނގުރާމައަށް ފަހު ރަޝިޔާއާއި ހުޅަނގާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު ނުތަނަވަސްކަމެވެ. އެ ހަނގުރާމަ ހުއްޓުވުމަށް އިސްނަންގަވައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ރަޝިޔާއާއި ޔޫކްރެއިނާ އެކު މަޝްވަރާތައް ވިލަރެސް ކުރައްވަމުންނެވެ.

އެ ކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން މެދްވޭދެފް ވަނީ ޓްރަމްޕަށް ތަޢުރީފު ކުރައްވާފައެވެ. އަދި، ވޮޝިންގްޓަނާއި މޮސްކޯއާ ދެމެދު ވާހަކަ ދެކެވެމުންދާ ކަމީ އުންމީދު އައުކޮށްދޭ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ނަމަވެސް، ހުޅަނގުން ރަޝިޔާއާ މެދު އިހާނެތިކޮށް ހިތަމުންދާ ކަން ފާހަގަ ކުރައްވައި، މެދްވޭދެފް ވަނީ ރަޝިޔާގެ މަސްލަހަތާ މެދު ހުޅަނގުގެ ބާރުތަކުން އިހުމާލުވަމުންދާ ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

"ހާލަތު އޮތީ ވަރަށް ނުރައްކާތެރިކޮށް. ބޮޑު ހަނގުރާމައެއް ފެށުމަކީ އަޅުގަނޑުމެން ޝައުގުވެރިވާ ކަމެއް ނޫން. އަޅުގަނޑުމެންނަކީ މޮޔައިންނެއް ނޫން،" މެދްވޭދެފް ވިދާޅުވިއެވެ. ނަމަވެސް، 2008ވަނަ އަހަރުން 2012ވަނަ އަހަރަށް ރަޝިޔާގެ ރައީސް ކަމުގެ މަޤާމު ފުރުއްވާފައިވާ މެދްވޭދެފް ވިދާޅުވީ ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ނެތޭ ދެންނެވެން ނެތް ކަމުގައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ވިލާތާއި ހުޅަނގުގެ ބާރުތަކުން ވަނީ ޔޫކްރެއިން ފަޅި ޚިޔާރު ކޮށްފައެވެ. އަދި، ހުޅަނގުން ދަނީ އެ ޤައުމަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހަނގުރާމައަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔޫކްރެއިންގެ ބިންތައް ފޭރިގަތުމަށް ރަޝިޔާއިން ހިންގަމުންދާ ހަނގުރާމައެއްގެ ގޮތުގައި ވިލާތުގެ ބާރުތަކުން ސިފަ ކުރެއެވެ. އަދި، ހަނގުރާމަައިގައި ރަޝިޔާއިން ކާމިޔާބީ ހޯދައިފި ނަމަ، ކުރިއަށް އޮތް ތަނުގައި ރަޝިޔާއިން ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ޤައުމުތަކަށް ޙަމަލާ ދޭނެ ކަމުގައި ވެސް ނޭޓޯން ތުހުމަތު ކުރެއެވެ. ނަމަވެސް، ރަޝިޔާއިން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.