ޚަބަރު

ނ.އަތޮޅު ހޮސްޕިޓަލުގައި ފިޒިއޯތެރަޕީއާއި ސައިކޭޓްރިސްޓް ޚިދުމަތް ފަށައިފި


  • ސިއްޙީ ވަޒީރު ވަނީ ނ.އަތޮޅަށް ދަތުރުފުޅެއް ފައްޓަވާފައި

  • މި ދެ ޚިދުމަތަކީ ރައްޔިތުން އެދެމުންދާ މުހިންމު 2 ޚިދުމަތް

  • 3 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތްވެސް ފައްޓަވާނެ

ނ.އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތާއި، ނަފްސާނީ ބަލީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާޙިމެވެ. އަދި ނ.އަތޮޅުގެ ހޮސްޕިޓަލުގެ އިސް ފަރާތްތަކާއި މުވައްޒަފުން ބައިވެރިވިއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ނ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް، އަޙްމަދު މައިމޫން ވިދާޅުވީ، މި ދެ ޚިދުމަތަކީވެސް ރަށާއި އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ދެ ޚިދުމަތް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި މި ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރަށް، ނ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމަށްވެސް ތައްޔާރުވަމުންދާ ކަމަށް މައިމޫނު ވިދާޅުވިއެވެ. ނ.އަތޮޅު ހޮސްޕިޓަލުން ދުވާލަކު 120އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދައެވެ. މިދިޔަ އަހަރަށް ބަލާއިރު 31000އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާފައިވެއެވެ.

ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާޙިމް ނ.އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި 4 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެެވެ. އެގޮތުން މަނަދޫގެ އިތުރުން، މާފަރު، މާޅެންދޫ އަދި އެ އަތޮޅު މިލަދުއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި މި 3 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފައްޓަވާނެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އާއްމު ބަލިތަކަށް ޓެސްޓު ކުރުމަށް ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ ޞިއްޙީ ދާއިރާއިން ސަރުކާރުގެ މުހިންމު ވަޢުދެކެވެ.

ނ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮވެއެވެ. މި 3 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުވުމާއެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ އަށް ރަށުގައި މި ޚިދުމަތް ޤާއިމުކުރެވުނީއެވެ. ނ.އަތޮޅުގެ އާބާދީ 16000އަށްވުރެ އިތުރެވެ.