ދީން

ޤުރުއާނާބެހޭ މަރުކަޒުން އޭދަފުށީގައި އައު 2 ކޯހެއް ފަށަނީ


ބ.އަތޮޅު އޭދަފުށީގައި ޤާއިމްކުރައްވާފައިވާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިން އަލަށް ދެ ކޯހެއް ފެއްޓެވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް އޭދަފުށީ ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އޭދަފުށީ ގޮފިން މިހާރު ހިންގަވަނީ ޤާރީ ލެވެލްގެ ކޯހެކެވެ. އެ މަރުކަޒުން ވިދާޅުވީ، ދެން އެންމެ އަވަހަށް ފެއްޓެވުމަށް ހަމަޖެހިފައިވަނީ ޖަމާޢަތްތެރިކަމުގެ ކޯހާއި، ހުކުރު ކުރުމުގެ ހުއްދަ ދިނުމާބެހޭ ކޯސްތަކެއް ކަމަށެވެ. އޭދަފުށީ ޤުރުއާނާބެހޭ މަރުކަޒުގައި ކުރިއަށް ގެންދަވާ ކޯހުގައި 55 ފަރާތަކުން ކިޔަވަމުންދެއެވެ. ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އޭދަފުށީގައި ޤާއިމްކޮށް ކްލާސްތައް ފައްޓަވާފައިވަނީ މިއަހަރުގެ އޯގަސްޓުމަހުގެ 7 ވަނަ ދުވަހުއެވެ.

ޤުރުއާނާ ބެހޭ މަރުކަޒުން އެ މަރުކަޒުގެ ކޯސްތައް އެކި ރަށްރަށުގައި ކުރިއަށްގެންދަވާއިރު، މި ކޯސްތައް ހިންގަވަނީ ސަރުކާރުގެ ޚަރަދުގައެވެ. ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމްކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 6 އަތޮޅެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ވަނީ ޤާއިމްކުރައްވާފައެވެ.