ތަޢުލީމު

ސްޕޯޓްސް ސްކޮލަރޝިޕްގެ ނަތީޖާ ދަނީ ފެންނަމުން- މިނިސްޓަރ


ތަހުޒީބު މުޖުތަމަޢަކަށް ބޭނުންވާ ތަރުބަވީ ތަޢްލީމު ފުރިހަމައަށް ލިބިފައިވާ ދަރިވަރުންތައް އުފެއްދުމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ހޯދައިދިނުމަށާއި، ޤައުމީ އެތުލީޓުން ބިނާކުރުމަށް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ދެހާސް ސާދަ ވަނަ އަހަރު ވަނީ ސްކޫލްތަކުގެ ދަރިވަރުންނަށް ޢަމާޒުކޮށް ސްޕޯޓްސް ސްކޮލަރޝިޕެއް އިޢްލާންކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝާތު ޝިހާމް މި ސްކޮލަރޝިޕް އިޢްލާންކުރެއްވީ، ކުޅިވަރުގެރޮނގުން ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަ ކުރުމަށް 2014 ވަނަ އަހަރު ބޭއްވި "ކަލަރ އެވޯޑްސް"ގެ ތެރޭގައެވެ. ސްޕޯޓްސް ސްކޮލަރޝިޕް އިއްލާންކުރެއްވިތާ ދެއަހަރުވެފައިވާއިރު، އޭގެސަބަބުން ސްކޫލްތަކުންނާއި ބެލެނިވެރިން މިކަމަށްދޭ ސަމާލުކަން އިތުުރުވެ، ކުޅިވަރުގައި ބައިވެރިވާ ކުދިންގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ހިގައްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ތަފާތު އެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންގެ މިންވަރު އިތުރުވުމުގެ އިތުރުން ކުދިންގެ ޕާފޯމެންސްވެސް މަތިވަމުންދާކަމަށެވެ.



img:http://s4.psmnews.mv/images/660x400/14738529496241.jpg|އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ޕީއެސްއެމްއަށް އިންޓަރވިއުއެއް ދެއްވަނީ / ފޮޓޯ: ޕީއެސްއެމް

"2014 ވަނަ އަހަރުން ފެށިގެން  އެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ފާހަގަކުރެވޭ. ހަމަ އެކަނި އެތުލެޓީކްސްއަށް ބަލާލިކަމުގައިވީނަމަވެސް 2014 ވަނަ އަހަރު 401 ،2015 ވަނަ އަހަރު 574 އަދި 2016 ވަނަ އަހަރި 961 ކުދިން. ކުދިންގެ ޢަދަދު އެކަންޏެއް ނޫން. ޕާފޮމެންސްވެސް މަތިވެއްޖެ.މިއީ އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުމެއް ލިބުނުކަމެއް.މީ ސްޕޯޓްސް އެވޯޑްސް ގެ އިމްޕެކްޓެއް. ހުރިހައި ފަރާތަކުންވެސް މިކަން ކަން ބަލައިގަނޭ.ތަރްޙީބް ލިބޭކަން އިގެނީ އަހަރުން އަހަރަށް ކަލާސްއެވޯޑްސްގައިވެސް ބައިވެރި ކުރެވޭ ކުދިންގެ ޢަދަދު އިތުރުވެގެންދާކަން" މިނިސްޓަރ ޝިހާމް ވިދާޅުވިއެވެ. 

ސްޕޯޓްސް ސްކޮލަރޝިޕްގައި މިހާތަނަށް 3 ކުޅިވަރަކުން އަތޮޅުތަކުގެ ސްކޫލުތަކުގެ 11 ދަރިވަރަކަށް ސްކޮލަޝިޕް އެވޯޑްކުރެވިފައިވެއެވެ. މިދަރިވަރުން މިހާރު ދަނީ ފުޓްބޯޅައާއި އެތުލެޓިކްސް އަދި ބެޑްމިންޓަންގެ ރޮގުން މާލޭގައި ތަމްރީން ހޯދަމުންނެވެ. މި ދަރިވަރުން މާލޭގެ ސްކޫލްތަކުގައި ތަޢުލީމް ޙާޞިލްކުރަމުން ދަނީ ސަރުކާރުގެ ޚަރަދުގައެވެ.

އަދި އޮލިމްޕިކްސް ކޮމިޓީއަށް ލިބުނު ސްކޮލަރޝިޕް ފުރުޞަތެއްގެ ދަށުން، ސްކޮލަރޝިޕްގެ އަތޮޅުތަކުގެ ސްކޫލުން ދެކުއްޖަކާއި، މާލެގެ ސްކޫލްތަކުން  ފާހަގަ ކުރެވުނު ދެކުއްޖަކާއެކު ޖުމްލަ ހަތަރު ކުދިން މިހާރު ބޮޓްސްވާނާގައި އެތްލެޓިކްސް ދާއިރާއިން ތަމްރީންހޯދަމުންދެއެވެ. އަދި މިކުދިން ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުންދާއިރު، ޓްރެއިނިންގް ސެންޓަރާއި މާ ދުރުނޫން ސްކޫލަކުން ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީގެ ޚަރަދުގައި ފަހިކޮށްދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްޕޯޓްސް ދަރިވަރުންގެ ޚަރަދު ސްކޮލަރޝިޕްގެ ދަށުން 18 އަހަރުންވަންދެން ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައިވާއިރު، 18 އަހަރު ވުމުން އެޑިއުކޭޝަން ލޯން ސްކީމްގެތެރެއިން އެކުދިންނަށް  ގޮތްތަކެއް ހަމަޖައްސަވައިދެއްވާނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭރުގައި ޓްރެއިންނިންގް ހޯދުމަށް ތިބޭ މުއްދަތުގައި ކިޔެވުމުގެ ޚަރަދު އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިދޭނޭ އަށާރައަހަރު ފުރެންދެން. 18 އަހަރަށް ވުރެމަތިވެއްޖިއްޔާ ސްޕޯޓްސް މިނިސްޓްރީ ނުވަތަ އޮލިމްޕިކްސް ކޮމިޓީ މެދުވެރިކޮށް،އެނޫނީ ސަރުކާރުން ދޫކުރާ އެޑިއުކޭޝަން ލޯންސް މެދުވެރިކޮށް،ލޯން ސްކީމްގެ ތެރެއިން އެކުއްޖަކު ޓްރެއިނިންގް ހޯދަމުންދާ ތަނެއްގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދޭނަން.މީގެ ބޭނުމަކީ އެފަދަ ކުދިން ފާހަގަކޮށް،އަދި އެއަށްފަހު ތަޢްލީމާއި ކުޅިވަރު ހަމަހަމަކޮށް ފުރުޞަތު ފަހިކޮށްދީ،ރާއްޖެއަށް ރީތި ނަން ހޯދައިދޭނޭ ކުދިންތަކެއް ތައްޔާރުކުރުން." މިނިސްޓަރ ޝިހާމް ވިދާޅުވިއެވެ.

ދަރިވަރުންގެ ހުނަރު ކުރިއެރުވުމަށާއި ހުނަރުވެރި ދަރިވަރުންނަށް ހިތްވަރު ދިނުމަށް ސަރުކާރުން ދޭ މި ސްކޮލަރޝިޕްގެ ނަތީޖާ ފެންނަމުންދާކަމަށާއި ސްކޮލަރޝިޕްގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދްމަތްތައް ހަރުދަނާ ކުރެއްވުމަށްވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.