ތަޢުލީމު

މާއެނބޫދޫގައި ޢިމާރާތްކުރާ ކްލާސްރޫމްތައް މިއަހަރު ނިމޭނެ


ދ. މާއެނބޫދޫގައި ޢިމާރާތް ކުރައްވަމުން ގެންދަވާ 6 ކުލާސްރޫމްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމަވައި، އަންނައަހަރުގައި ބޭނުން ކުރަން ފެށޭވަރުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމް.ނިއުސްއާއި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ މާއެނބޫދޫ ސްކޫލްގެ ޕްރޮޖެކްޓަކީ އެމިނިސްޓްރީން ދެހާސް ސަތާރަވަނަ އަހަރުގެ ކުރިން ނިންމެވުމަށް ކަނޑައަޅުއްވާފައިވާ ޕްރޮޖެކްޓެއްކަމަށެވެ. އަދި ދެހާސް ސަތާރަވަނަ އަހަރު އެސްކޫލްގެ ޚިދުމަތް މާއެނބޫދޫގެ ކުދިންނާއި ޓީޗަރުންނާއި ބެލެނިވެރިންނަށް ލިބިގެންދާނެކަމަށް އިބްރާހިމް އިސްމާޢީލް ވިދާޅުވިއެވެ. މި ސްކޫލް އިމާރާތް ކުރެއްވުމަށް ހަވާލުކުރައްވާފައި ވަނީ ޕްރޮޕް ޕްރައިވެޓް ލިމިޓެޑަރއެވެ. އެކުންފުނިން ވިދާޅުވީ ސްކޫލް ހިޔާކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާކަމަށާއި، އެ ސްކޫލްގެ ނުނިމި ހުރި މަސައްކަތް ކުރިޔަށް އޮތް ތިންމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

މާއެނބޫދޫ ސްކޫލަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް – ޕީ.އެސް.އައި.ޕީގެ ދަށުން ކުރިޔަށްގެންދަވާ ޕްރޮޖެކްޓެކެވެ. 6 ކްލާސްރޫމް ހިމެނޭ ދެ ބުރީގެ ޢިމާރާތުގެ ޕްރޮޖެކްޓަށް 4.8 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިސްކޫލް ޢިމާރާތް ކުރެއްވުމަށް ޕްރޮޕް ޕްރައިވެޓް ލިމިޓެޑަރ ހަވާލުކުރައްވާފައިވަނީ 2015 ވަނަ އަހަރުއެވެ.