ތިލަފުށީ ވެމްކޯ ސައިޓުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ލަންކާއަށް ނިސްބަތްވާ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވަނީ ބަންގްލަދޭޝްގެ އަމީން މިއާ މަރުވި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ ބައެއް ތަފްސީލް ޙިއްސާކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ، އަމީން މިއާ މަރުވާން މެދުވެރިވީ ހުސްވި ޖެނުއަރީ މަހުގެ 26 ވީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ތިލަފުށީ ސައިޓުގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް ކަމަށެވެ. އަދި އެހާދިސާ ހިނގާފައިވަނީ އެކްސްކެވޭޓަރުގެ ދަތްގަނޑުން ޖެހި އޭނާ ވެއްޓިފައި އޮއްވާ، އެކްސްކެވޭޓަރުން އެތަނުގެ ކައިރީގައި އޮތް ކުނިތައް އެހެން ދިމާލަކަށް ބަދަލު ކުރުމުގެ ތެރޭގައި ކަމަށެވެ. ފުލުހުން ވިދާޅުވީ، ކުނިތައް ބަދަލުކޮށްފައިވަނީ އެ މީހާގެ ހަށިގަނޑާއެކު ކަމަށާއި، އަދި އޭނާގެ ގައިމައްޗަށްވެސް ކުނިތައް އަޅާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގި ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއްނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓް ކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ، އުމުރުން 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ބިދޭސީ މީހާ ގެއްލިގެން ފުލުހުންނަށް ހުށަހެޅީ ހާދިސާ ހިނގިތާ 2 ދުވަސް ފަހުންނެވެ. އަދި އޭނާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ، ޖެނުއަރީ މަހުގެ 28ވަނަ ދުވަހުގެ ވަގުތެއްގައެވެ.