ރިޕޯޓް

ޢީދާ ގުޅިފައިވާ ޢީދު ބޮނޑި


ހުއްބޮނޑި، ކުހުރު، އުހިބޮނޑި، އާރުސް އަދި ބޭނޑި މިނަންތަކަކީ، ބައެއް ބޭފުޅުންނަށް މުޅިން އައު ނަންތަކަކަށް ވެދާނެއެވެ. ނަމަވެސް މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދަށް ތައްޔާރުކުރާ ކެއުމުގެ ޚާއްސަ ބާވަތެއްކަމުގައިވާ، "އީދު ބޮނޑި" އަށް ދެވިފައިވާ ނަން ނަމެވެ. 

ދިވެހިންނަކީ، ވަރަށް ތަފާތު ސަގާފަތަކާއި އާދަކާދައެއްގެ ވެރިބައެކޭ ބުނަނީ ސަބަބަބެއް ނެތިގެން ނޫނެވެ. ވާހަކަ ދައްކާ އުޅޭ ބަހުރުވަތަކާއި، ކައިބޮއި ހަދާ ކާނާގެ ބާވަތްތަކުން ފެށިގެން ގޮސް ރާއްޖޭގެ އެކި ހިސާބުތަކުގައި ލައިއުޅޭ އަންނައުނުވެސް ތަފާތެވެ. މިގޮތުން އެކި މުނާސަބާ ތަކަށް ތައްޔާރުކުރާ ކާނާގެ ބާވަތްތަކަކީ، އެކި އަތޮޅުތަކުގައި ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެވޭ ތަކެއްޗެވެ. އީދަށް ކާއެއްޗެހި ތައްޔާރުކުރުމަކީ، ޒަމާނުއްސުރެ ވަރަށް ފޯރީގައި ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ޢީދަށް ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ތެރެއިން "އީދު ބޮނޑި" ރާއްޖޭގެ އެކި އަތޮޅުތަކުގައި ތައްޔާރުކުރަނީވެސް ތަފާތުގޮތަކަށެވެ. އީދު ދުވަހު ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ކަމުގައިވާ، ފޭސްބުކާއި، ޓްވިޓާ ފަދަ ވަސީލަތްތަކުގައި މީހުން ޖަހާފައިވާ ފޮޓޯތަކުންވެސް އެނގެއެވެ.

އަޅުގަނޑުމެން ޕީ.އެސް.އެމް ނިއުސް ޓީމުން މި ބަލަލަނީ، ރާއްޖޭގެ އެކި އަތޮޅުތަކުގައި އީދަށް ބޮނޑި ތައްޔާރުކުރާ ގޮތަށެވެ. އާންމުކޮށް ގިނަ އަތޮޅުތަކުގައި އީދަށް ތައްޔާރުކުރަނީ ދިވެހި ހަކުރު އަޅައިގެން ހަދާ ފޮނި ބޮނޑިތަކެއްކަން ފާހަގަކުރެވެއެވެ. ފޮނިކޮށް ހަދާ ބޮނޑިއާއި މަސްބޮނޑި ނުވަތަ މިރުސްލީ ބޮނޑިވެސް ބައެއް ރަށްރަށުގައި ތައްޔާރުކުރެއެވެ.

img:http://s1.psmnews.mv/images/660x400/14737808627347.jpg|ބޮނޑި ތައްޔާރުކުރުމުގައި އަންހެނަކު ހަރަކާތްތެރިވަނީ

ރާއްޖޭގެ ދެކުނުން އުތުރަށް ބަލާލާއިރު، އެކި ރަށްތަކުގައި ހަދާ ބޮނޑީގެ ސައިޒާއި، ބޭނުންކުރާ ބާވަތްތަކުގެ އިތުރުން، އެކިއެކި ރަށްރަށުގައި އީދު ބޮނޑިއަށް ކިޔާ ނަންވެސް ތަފާތެވެ. ރާއްޖޭގެ ދެކުނުން ހުވަދޫގައި ތަފާތު އެކި ބާވަތްތަކުގެ ބޮނޑި ތައްޔާރުކުރެއެވެ. އޭގެތެރޭގައި، އީދަށް ޚާއްސަކޮށްގެން ތައްޔާރުކުރަނީ، "އޮޅަ ހުއްބޮޑި" އާއި "ކޮރާ ހުއްބޮނޑި"އެވެ. އޮޅަ ހުއްބޮނޑި ތައްޔާރުކުރަނީ، ގަބުޅި ހުންޏާއި، ގޮނދަންފުށާއި، ދިވެހި ހަކުރު، ބޭނުންކޮށްގެން، ކުރުއްޕަތަށް އަޅައި ބަދަބަދައަށް ވާގޮތަށް ބަނދެ، ފެނުކައްކައި، ދުމަށްޓަށްލައި ހިއްކައިގެނެވެ. 

ކޮރާ ހުއްބޮނޑި އަކީ، ބިހާއި، ހަކުރާއި، ހަނޑޫ ފުށް ބޭނުންކޮށްގެން ފޯއްޔެއްގެ ބައްޓަމަށް ފަތްކެޔޮ ފަތުގައި ހަދާ ބޮނޑިއެކެވެ. މިއީވެސް ކައްކައި، ދިލަޖައްސައި ހިއްކާފައި ހުންނަ ބާވަތެއްގެ ބޮޑިއެކެވެ. މީގެ އިތުރުން މަހާއި، ހަވާދުގެ ބައެއް ބާވަތް ބޭނުންކޮށްގެން ތައްޔާރުކުރާ ރިހަ ހުއްބޮނޑިއާއި، ކަށިކޭލުގައި ހަދާ މަލިކު ބޮނޑި ހުވަދު އަތޮޅުގެ ރަށްތަކުގައި ހަދައެވެ.

އައްޑު ސިޓީގެ ރަށްތަކުގައިވެސް  ބޮނޑި ތައްޔާރުކުރެއެވެ. އައްޑޫ ބަހުރުވައިން ނަމަ، އައްޑޫ ބެނޑި އަކީ ގިނަ އަދަދަކަށް އެ ސިޓީގެ ރަށްރަށުގައި ތައްޔާރުކުރާ ބޮނޑިއެކެވެ. މި ބޮނޑި އީދު ނޫން ދުވަސްތަކުގައިވެސް ތައްޔާރުކުރެއެވެ.

ހައްދުންމައްޗަށް ބަލާއިރު، އީދަށް ޚާއްސަކޮށްގެން ހަދާ ކުހުރަކީވެސް ބޮނޑީގެ ބާވަތެކެވެ. މެދު ރާއްޖެތެރެއިން، މ. އަތޮޅާއި، ދ އަތޮޅުގައިވެސް އީދު ބޮނޑީގެ ނަމުގައި ތައްޔާރުކުރާ މި ބޮނޑި ހުންނަނީ ތަންކޮޅެއް ތަފާތު ބައްޓަމަކަށެވެ. ރ. އަތޮޅުގެ ބައެއް ރަށްރަށުގައި ހަދާ ބޮނޑިއަށް ކުފުރު ކިޔައެވެ. ނ. އަތޮޅުގެ ބައެއް ތަށްތަކުގައި އީދު ބޮނޑިއަށް ކިޔާއުޅެނީ، އާރުސްއެވެ. އާރުސް ތައްޔާރުކުރަނީ ތިން ވައްތަރަކުންނެވެ. އެއީ، ކަށިކޮޔެ އާރުހާ، ހަނޑުލުއާރުހާ، ކަދުރު އާރުސްއެވެ. ރާއްޖޭގެ އެންމެ އުތުރަށް ބަލާއިރު، ކުޅުދުއްފުށީގައި ތައްޔާރުކުރަނީ، މަސް ބޮނޑިއެވެ. މިއީ ކުޅިކޮށް ތައްޔާރުކުރާ އެރަށަށް ޚާއްސަ ބޮނޑިއެކެވެ.

އެހެން އަތޮޅުތަކާއި، ޚިލާފަށް ތިލަދުންމަތީގެ ރަށްތަކުގައި އީދު ބޮނޑި ތައްޔާރުކުރުމުގައި ބޮޑެތި ތަފާތުތަކެއް ހުރެއެވެ.

img:http://s1.psmnews.mv/images/660x400/14737808340281.jpg|ހުވަދޫ އަލަހުއް ބޮނޑި

އެގޮތުން ހދ. މަކުނުދޫގައި އީދު ބޮނޑި ހިލާ ގޮތަށް ބަލާލާއިރު، އީދުގެ ކުރީދުވަހު ރަށުގެ ބައެއް ގެތަކުގައި މި ބޮނޑި ހަދައެވެ. ހަނޑޫ ފުށާއި، ގޮނދަން ފުށްވެސް އަޅައިގެން ހަކުރާއި، އެއްކޮށް ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ހިލައި، ދެފުށް ފިހެފައި އޮންނަ، މި ބޮނޑި، ފެންނަ ފެނުމަށް އޮންނަނީ ބޯކިބަލެއްހެނެވެ.

މި ބޮނޑި ހަމައެކަނި، އަޅައިގެން އީދުދުވަހު ގޭގަ ކަނީކީވެސް ނޫނެވެ. އަންހެން ވެރިން، މި ބޮނޑި ތައްޔާރު ކުރާ ހިސާބުން ފެށިގެން ބޮނޑި ފޮރުވުމުގެ މަސަކަތް ފިރިހެނުން ފަށައެވެ. މިކަމާ މަކުނުދޫގެ އަންހެން ކަނބަލުން ވަރަށް ސަމާލުވެއެވެ. އެގޮތުން ހީވެސް ނުކުރާތަންތަނުގައި ބޮނޑި ފޮރުވައި، ހަދާ. ފިރިހެނުންނަށް ބޮނޑި ހޯދައިފި ނަމަ، އޭގެ ރަހަވެސް ގިނަ ފަހަރު އަންހެނުންނަށް ދައްކާނުލައެވެ. ކޮންމެއަކަސް ބޮނޑި ހޯދާބަޔަކު ފޮރުވައިގެން ގެންގުޅުމަށްފަހު، ބޮނޑި ފަޅައިގެން ކާނީ އީދުގެ 3 ވަނަ ދުވަހުގެރެއެވެ. 

img:http://s3.psmnews.mv/images/660x400/14737807953621.jpg|މަކުނުދޫގައި ތައްޔާރުކުރާ ބޮނޑި ހަދާ ނިމިފައި

މަކުނުދޫގައި އީދު ބޮނޑި ތައްޔާރުކޮށް ފޮރުވާ ގޮތާއި، ކުޑަކޮށް ތަފާތު ނަމަވެސް ޒަމާނުއްސުރެ ބޮޑުތިލަދުންމަތީގެ ރަށްރަށުގައި އީދާއި ގުޅިގެން ބޮނޑި ފޮރުވުމުގެކަންކަން މިފަދަ ގޮތަކަށް ކުރެއެވެ. އީދު ބޮނޑި ހެދުމާއި، ތަފާތު މުނާސަބަތުތަކާއި ގުޅުވައިގެން ކުރެވޭ ކަންކަންކަމަކީ، ޒަމާނުއްސުރެ ދިވެހިން ވަރަށް ފޯރީގައިކުރަމުންއައި ސަގާފީކަންކަމެވެ. މީގެ ސަބަބުން ގާތްތިމާގެ މީހުންނާއި، ދުރުގައި ތިބޭ ގާތްމީހުންނާ ދެމެދު އޮންނަގުޅުންވެސް އިތުރަށް ބަދަހިވެގެންދެއެވެ. މިކަން ހާމަވަނީ، އީދު ބޮނޑި ހިމެނޭހެން އީދަށް ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާއެއްޗެހި ހަދިޔާގެ ގޮތުގައި ދުރުގައި ތިބި ގާތްތިމާގެ މީހުންނަށް ފޮނުވުމުން އެމީހުންނަށް ލިބިގެންދާ އުފާވެރިކަމިގެ ބޮޑުކަމުންނެވެ. 

އީދު ހަދިޔާ ތައްޔާރުކުރުމާއި ހަދިޔާ ބަދަލުކުރުން އުވިގެންދިޔަނުދީ ދެމެހެއްޓުމަކީ، އަޅުގަނޑުމެން ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. ޚާއްސަކޮށް މިކަންކަން އާލާކޮށް ދިރުވަން އަދުގެ ޒުވާނުން މަސަކަތްކުރަންޖެހެއެވެ.