ރިޕޯޓް

މަރުގެ އަދަބު ތަންފީޒުކުރެއްވުމަކީ ސަރުކާރުގެ ސިޔާސަތެއް


ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޛުކޮށްފައިވަނީ ނަވާރަސަތޭކައިގެ މެދުތެރޭގެ އަހަރުތަކުގެތެރޭގައެވެ. ދެހާސްވަނަ އަހަރަށްވުރެ ކުރީގެ އަހަރުތަކުގައި މީހުން މެރުންފަދަ ކަންކަން މަދުން ނޫނީ ރާއްޖޭގައި ނުހިނގާކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް ފަހުގެ އަހަރުތަކުގައި ރާއްޖޭގައި މީހުން މެރުމުގެ ކުށްތައް ވަނީ އިތުރުވާން ފަށާފައެވެ. މިއަހަރުގެ ތެރޭގައިވެސް އަނިޔާވެރި އެތައް މަރެއް ފެނިގެން ގޮސްފައިވެއެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވުނު މަރަކީ 2012 ވަނައަހަރުގެ ތެރޭގައި ދީދީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަށްލި ހާދިސާއެވެ. މިގެ އިތުރުން ޤާނޫނީ ވަކީލު ނަޖީބު މަރާލުމާއި، ވ. ރަކީދޫގައި މަރާލި ތުއްތު އިބްތިހާލްގެ މަރުގެ މައްސަލަ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުންވެސް އެކިއެކި މާރާމާރީތަކުގެ ތެރެއިންވެސް މީހުން މަރުވާ ޢަދަދު ވަނީ އިތުރުވެފައެވެ. އިސްލާމްދީނުގައި ބަޔާންކޮށްފައިވާގޮތުން ކޮންމެ އިންސާނެއްގެ ފުރާނައަކީ ޙުރުމަތްތެރިކުރެވިގެންވާ އެއްޗެކެވެ. ޙައްޤަކާނުލައި ދިރިހުރި އިންސާނަކު މަރާލައިފި މީހާއަކީ މުޅި އިންސާނިއްޔަތު ޤަޠުލުކޮށްފި މީހެއްކަމަށް އިސްލާމްދީނުގައި ސިފަކޮށްފައިވެއެވެ. އަދި މީހަކު މަރައިފި މީހެއްގެ އަދަބަކީ މަރު ކަމަށް ޤުރުޢާނާ ސުންނަތުގެ އަލީގައި އެނގި ސާބިތުވެއެވެ.

img:http://s1.psmnews.mv/images/660x400/14649771166420.jpg|މާރާމާރީއެއް ހިނގާ މީހަކު މަރުވި ސަރަހައްދަކަށް ބަޔަކު އެއްވެފައި -

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެކުމުން އިސްލާމްދީނުގެ ހައްދުތަކާއި ޙުކުމްތައް ރާއްޖޭގައި ދަމަހައްޓަވައި އެޙުކުމްތައް ތަންފީޛު ކުރެއްވުމަކީ ސަރުކާޜުގެ ޞިޔާސަތެކެވެ. މަރުގެ އަދަބު ތަންފީޛު ކުރެއްވުމަކީވެސް ސަރުކާރުގެ މި ޞިޔާސަތުގެ ދަށުން ކުރައްވަން ނިންމަވާފައިވާ ކަމެކެވެ. ރާއްޖޭގައި މަރުގެ ޢަދަބު ތަންފީޛް ކުރެއްވާނެކަމަށް ސަރުކާރުން އިޢުލާނުކުރެއްވުމާއެކު ބޭރުގެ އެކި ޤައުމުތަކާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާކަމަށް ބުނާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވަނީ ރާއްޖެއާމެދު ފާޑުކިއުންތައް އަމާޒުކޮށްފައެވެ. އަދި އެޤައުމުތަކުން ދަނީ މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޛު ނުކުރުމަށް ގޮވާލަމުންނެވެ. 

އިންސާނީ ޙައްޤުތަކުގެ ނަމުގައި އެފަދަ ގޮވާލުންތައް ގޮވާލަމުންދާއިރު ދިރިހުރި އިންސާނެއްގެ ދިރިހުރުމުގެ ޙައްޤު ނިގުޅައިގަތް މީހެއްގެ މައްޗަށް ޝަރުޢުގައި ސާބިތުވާ އަދަބެއް ތަންފީޛު ނުކުރަންވީ ސަބަބެއްނެތެވެ. ސަރުކާރުން ކުރައްވާ މަސައްކަތަކީ މަރުވެފައިވާ މީހާއާއި އޭނާގެ ޢާއިލާއަށް އިންސާފު ލިބިދެއްވުމުގެ މަސައްކަތް. އެހެންކަމުން ބޭރުގެ ފަރާތްތަކުން ގޮވާލަމުންދާ އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފު ގޮވާލުންތަކަށް އިޖާބަދޭން ނުޖެހޭކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

img:http://s1.psmnews.mv/images/660x400/14645882766213.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް- ފޮޓޯ: ރައީސް އޮފީސް

"އިސްލާމީ ޝަރީޢާއާ، ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނީ އޮނިގަނޑު ހަމަޖެހިފައިވާގޮތުން، މިކަމަކީ މި ވަގުތު ޤައުމުގެ ވަލިއްޔުލްއަމްރުގެ ބާރުގެ ދަށުގައިވާ ކަމެއް ނޫން. އިސްލާމްދީނުގައި، ޤަޞްދުގައި މީހަކު މަރާލާ މައްސަލަތަކުގާ ޤާތިލަށް ކަނޑައެޅިފައިވާ ޙުކުމަކީ މަރު. މިއީ، ސީދާ ކީރިތި ޤުރުއާނުގެ ސާފު ނައްސުން ބަޔާންކުރެވިފައިވާ ކަމެއް. އެހެންކަމުން، ޤާނޫނީ އޮނިގަނޑު ތަންފީޛުކުރުމަށްޓަކައި މަރުގެ އަދަބު ތަންފީޛުކުރުމަކީ ކުރަންޖެހިފާ އޮތްކަމެއް. އަޅުގަނޑުމެން، އެހެން ޤައުމުތަކުގެ ދާޚިލީ މިނިވަންކަމަށް އިޙްތިރާމްކުރާ ފަދައިން، އެހެން ޤައުމުތަކުންވެސް އަޅުގަނޑުމެންގެ ދާޚިލީ މިނިވަންކަމަށް އިޙްތިރާމް ކުރަންޖެހޭ." މަރުގެ ޙުކުމް ތަންފީޒުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. 

މިނިވަން ޖުޑީޝަރީއަކުން އިސްތިއުނާފް 3 މަރުހަލާ ކަޑަތުކޮށް އިއްވަވާ ޙުކުމެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. މަރުގެ ޙުކުމް ތަންފީޒުކުރުމާބެހޭ ޤައިވައިދުގައިވަނީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޛުކުރައްވާނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެންކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ އެހެން އިސްލާމީ ޤައުމުތަކުގައިވެސް މިކަން ކުރަމުން އަންނަގޮތެވެ.

img:http://s1.psmnews.mv/images/660x400/14605330730278.jpg|ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް / ފޮޓޯ: ޕީ.އެސް.އެމް

ގަސްދުގައި މީހަކު މެރުމުގެ ކުށްސާބިތުވެފައިވާ މީހާގެ މައްޗަށް އެކުށް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ ގޮތުގައި ޤަވާއިދަކީ ޞައްޙަ ޤަވާއިދެއްކަމަށާއި ރާއްޖޭގައި މަރުގެ ޢަދަބު ތަންފީޛު ކުރައްވަންވާނީ އެޤަވާއިދުގެ ދަށުންކަމަށް ސުޕްރީމް ކޯޓުންވަނީ ކަނޑައަޅުއްވާފައެވެ. މިހާތަނަށް 2 މީހެއްގެ މައްޗަށް އިއްވަވާފައިވާ މަރުގެ ޙުކުމް ޞައްޙަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ. މި ދެމީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛު ކުރެއްވުމަށް ފުރިހަމަކުރައްވަންޖެހޭ އިޖްރާޢަތްތައް ފުރިހަމަކުރެއްވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.