ޚަބަރު

ކޭޑީޔޫ ރިސަރޗް ކޮންފަރެންސްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ


ސްރީލަންކާގެ ސަރ ޖޯން ކޮތަލާވަލަ ޑިފެންސް ޔުނިވަރސިޓީ (ކޭޑީ.ޔޫ)ގެ ފަރާތުން ބޭއްވި 9 ވަނަ އިންޓަނެޝަނަލް ރިސަރޗް ކޮންފަރެންސްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

މިމަހު 8 އިން 9 އަށް ސަރ ޖޯން ކޮތަލާވަލަ ޑިފެންސް ޔުނިވަރސިޓީގައި " ޕްރޮފެޝަނަލް އިންޓަގްރޭޝަން ފޯރ އަ ސެކިއުއަރ ނޭޝަން" ގެ ނަމުގައި ބޭއްވުނު މިރިސަރޗް ކޮންފަރެންސްގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވެފައިވަނީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް) ގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަހީދުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ކޮންފަރެންސްގައި ކާނަލް ވައިސް ވަޙީދު "އިންޓަގްރޭޝަން އޮފް މިލިޓަރީ އެންޑް ސިވިލިއަން ޕްރޮފެޝަނަލްސް ފޯރ އަ ސެކިއުއަރ ނޭޝަން" މި މަޢުޟޫއަށް ޕްރެސެންޓޭޝަންއެއް ހުށަހަޅުއްވާދެއްވާފައިވާކަމަށެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ  200 އަށް ވުރެ ގިނަ ރިސާރޗަރުންވަނީ ތަފާތު 9 ދާއިރާއަކުން، އެބޭފުޅުންގެ ޕްރެސެންޓޭޝަންތައް ހުށައަޅާދީފައެވެ.

ބައިނަލް އަގްވާމީ ފެންވަރުގެ މިކޮންފަރެންސްއަކީ ތަފާތު ދާއިރާތަކުގެ ފަންނީ މާހިރުންނާއި ރިސާރޗަރުންނަށް އެބޭފުޅުންގެ އަގުހުރި ރިސާރޗްތައް ހުށަހެޅުމަށާއި ޤައުމީ އަދި ބައިނަލް އަޤްވާމީ ރިސާރޗަރުންނަށް ޤައުމު ތަރައްޤީކުރުމަށް އެބޭފުޅުންގެ ރިސާރޗް ހިއްސާކުރުމުގެ މަޤްސަދުގައި ހިންގާ ކޮންފަރެންސްއެކެވެ. 

މި ކޮންފަރެންސްއަކީ 2007 ން ފެށިގެން ސްރީލަންކާގެ ހުންނަ ހަމައެކަނި ޑިފެންސް ޔުނިވަރސީޓީ، ސްރީލަންކާގެ ސަރ ޖޯން ކޮތަލާވަލަ ޑިފެންސް ޔުނިވަރސިޓީ (ކޭޑީ.ޔޫ) ފަރާތުން އަހަރަކު އެއްފަހަރު އިންތިޒާމްކުރަމުން އަންނަ ރިސާރޗް ކޮންފަރެންސް އެކެވެ.

ސީޑީއެސްއެސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަޙީދުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ސަރ ޖޯން ކޮތަލާވަލަ ޑިފެންސް ޔުނިވަރސިޓީގައި މިހާރު ޑިގްރީ ހާސިލްކުރަމުންދާ ދިވެހި އަސްކަރިއްޔާގެ ސިފައިންނާއި ޑޭ ސްކޮލާއިންނާވަނީ ބައްދަލުކުރައްވާފައެވެ.