ޚަބަރު

ސިވިލް ކޯޓް ހުޅުމާލެ ޑިވިޜަންގައި ޝަރީޢަތްކުރައްވަން ފަށްޓަވައިފި


ސިވިލް ކޯޓް ހުޅުމާލެ ޑިވިޜަންގައި ޝަރީޢަތްކުރައްވަން ފަށްޓަވައިފިއެވެ.

ފަސޭހަކަމާއެކު ޢަދުލުއިންސާފަށް ވާޞިލުވުމުގެ މަގު ފަހިކޮށްދެއްވުމަށް ޝަރުޢީ ދާއިރާއިން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ސިވިލް ކޯޓްގެ ޑިވިޜަނެއް ޤާއިމުކުރައްވަން ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.

ހުޅުމާލޭގައ ޤާއިމުކުރައްވާފައިވާ ސިވިލް ކޯޓްގެ ޑިވިޜަންއަކީ ސުޕީރިއަރ ކޯޓްތައް ވުޖޫދައް އަދިފަހުން ފުރަތަމަ ޤާއިމުކުރެއްވި ސުޕީރިއަރ ކޯޓްގެ ޑިވިޜަނެވެ. 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިވިލްކޯޓްގެ ޤާޟީ އަލްއުސްތާޛް ޢަބްދު ﷲ ޢަލީ ވިދާޅުވީ އެކޯޓްގެ ހުޅުމާޅޭ ގޮފީގެ ޢިމާރާތް އޮގަސްޓް މަހުގެތެރޭގައި ނިންމަވައި ޝަރިއްޔަތްތައް ފައްޓަވާފައިވާކަމަށެވެ. ހުޅުމާލޭގައި ޤާއިމުކުރައްވާފައިވާ ސިވިލްކޯޓްގެ ޑިވިޜަންގެ އިދާރީ ބައެއްކަންކަން އަދި ހަމަޖެހިފައިނުވާތީ އެޑިވިޜަނަށް ހުށައަޅާ މައްސަލަތައް ބަލައިގަތުން މިވަގުތު ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ސިވިލް ކޯޓަށް ކަމަށާއި، ކައިރި މުސްތަޤްބަލެއްގައި އިދާރީ ކަންކަން ހަމަޖެހި ހުޅުމާލޭ ޑިވިޜަންގެ ޚިދުމަތްތައް ފުރިހަމަކުރެވިގެންދާނެކަމަށް ޤާޟީވިދާޅުވިއެވެ.

އެހެންނަމަވެސް ޢަދުލުއިންސާފު ލިބިދިނުމުގެ އެންމެހައިކަންކަން ހުޅުމާލޭ ޑިވިޜަނުގައި ހަމަޖައްސަވާފައިވާމަށް ޤާޟީ ޢަބްދު ﷲ ޢަލީ ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެއިން ހުށައެޅޭ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށްގެންދިއުމާއި، އެކިއެކި އަމުރުތައް ނެރުން ކުރިއަށްގެންދަވަނީ ސިވިލްކޯޓް ހުޅުމާލޭ ޑިވިޜަންގައިކަމަށް ސިވިލްކޯޓުން މައުލޫމާތުދެއްވައެވެ.

ހުޅުމާލޭގެ އާބާދީ ފަންސާސް ހާހާ ގާތްކުރާއިރު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުންވެސް އެކަށީގެންވާ ގިނައަދަދެއްގެ މަދަނީ މައްސަލަތައް އެކޯޓަށް ހުށައެޅޭކަމަށް ސިވިލް ކޯޓުން މައުލޫމާތުދެއްވައެވެ.

ހުޅުމާލޭގައި ޤާއިމުކުރެވޭ ސިވިލް ކޯޓްގެ ޑިވިޜަނަށް ސިވިލްކޯޓްގައި މިހާރު ތިއްބެވި ޤާޟީންގެ ތެރެއިން ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅުއްވާ 2 ޤާޟީއަކު އައްޔަންކުރެވިގެންދާނެއެވެ.

ސިވިލް ކޯޓްގެ ޑިވިޜަނެއް ހުޅުމާލޭގައި ޤާޢިމުކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ތަނަވަސްވެ ފުޅާވަމުންދާ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ބޮޑަށް ފަހި ޝަރުޢީ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އެޅުއްވި މުހިންމު ފިޔަވަޅެއްގޮތުގައި އުއްތަމަ ފަނޑިޔާރު ވަނީ ސިފަކުރައްވާފައެވެ. މިއީ ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރެއްވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.