ވިޔަފާރި

އެސްޓީއޯގެ ވިޔަފާރި އަތޮޅުތަކުގައި އިތުރަށް ފުޅާކުރަނީ


އެސްޓީއޯއިން އަތޮޅުތެރޭގައި ފިހާރަތައް ހުޅުވުމުގެ ބަދަލުގައި އާއްމު ރައްޔިތުންނާއި ގުޅިގެން އެ ވިޔަފާރިކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ، އަތޮޅުތެރޭގެ އެކި ރަށްރަށުގައި އެސްޓީއޯގެ ފިހާރަތަށް ހުޅުވައިދިނުމަށް އެދެމުންދާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެސްޓީއޯގެ ވިސްނުމަކީ ފިހާރަ ހުޅުވުމުގެ ބަދަލުގައި، ޑިސްޓްރިބިއުޓަރުން އައްޔަންކޮށްގެން އެ މަސައްކަތް ކުރުން ކަމަށް ޝަހީރު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ޑިސްޓްރިބިއުޓަރުން ހޯދުމަށް އިޢުލާންކުރާނެކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯއިން އަންނަނީ އެކުންފުނިން ރާއްޖެއަށް އެތެރެކުރާ މުދާ ވިއްކުމަށްޓަކައި، އަތޮޅުތެރޭގައި 14 ފިހާރަ ހިންގަމުންނެވެ.

ޝަހީރު ވިދާޅުވީ ޑިސްޓްރިބިއުޓަރުން ހޯދުމަށް އިޢުލާން ކުރުމުން ލިބޭ އެޕްލިކޭޝަންތަކުގެ ތެރެއިން ކްރައިޓީރިއާ ހަމަވާ ހުރިހާ ފަރާތްތަކަކަށްވެސް ޑިސްޓްރިބިއުޓަރުންނަށް ވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ވީހާވެސް ގިނަ ރަށެއްގައި ޑިސްޓްރިބިއުޓަރުން އައްޔަންކުރުމަށް ބޭނުންވާ ކަމަށް ޝަހީރު ވިދާޅުވިއެވެ.