ދުނިޔެ

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބަލިވަނީ


ސޫރިޔާގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެދަށުގައިވާ ހުރިހާ ސަރަހައްދެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް އަޒުމްކަޑައަޅާފައިވާކަމަށް ސޫރިޔާގެ ރައީސް ވިދާޅުވެއްޖެއެވެ.

ސޫރިޔާގެ ސަރުކާރުގެ ރަސްމީ ސޯޝަލް މީޑިއާ އެކަންޓްގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެދަށުގައިވާ ހުރިހާ ސަރަހައްދެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް އަޒުމްކަޑައަޅާފައިވާކަމަށް އެޤައުމުގެ ރައީސް ބަޝާރުލް އަސަދު ވިދާޅުވެފައިވާކަމަށެވެ.

އަސަދު މިހެން ވިދާޅުވެފައިވަނީ މިދިޔަ މަހު ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައި އަވަށެއް ކަމަށްވާ، ދަރާޔާއަށް ޢީދުގެ މުނާސަބަތުގައި ކުރެއްވި ޒިޔާރަތެއްގެ ތެރެއިންކަމަށް މިބަޔާނުގައިވެއެވެ. އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތައް ސަރުކާރުގެ ބެލުމުގެ ދަށަށްގެނެސް އަލުން އާރާސްތުކުރުމުގެ މައްސަކަތްކުރާނެކަމަށް އަސަދު ވިދާޅުވެފައިވާކަމަށް މިބަޔާނުގައިވެއެވެ.

ސޫރިޔާގެ ރައީސް މިކަން އިޢުލާން ކުރައްވާފައިވަނީ ރަޝިއާއާއި އެމެރިކާއިން ސޫރިޔާގައި ކުރިޔަށްދާ ހަނގުރާމައަށް ވަގުތީ ހުއްޓުމެއް ގެނައުމަށް ވެފައިވާ އެއްބަސްވުން ތަންފީޒުކުރަން ފަށާ ގަޑި ކައިރިވެފައިވަނިކޮށެވެ.

ދިމިޝްޤްގެ ދަރާޔާއަކީ އަސަދުގެ ސަރުކަރާއި ދެކޮޅަށް އިދިކޮޅު ހަނގުރާވެރިން ކުރިޔަށް ގެންދިޔަ ހަރަކާތް ރަމްޒުކޮށްދޭ މައި މަރުކަޒެކެވެ. އެސަރަހައްދު ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަކީ އަސަދުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ހަނގުރާމަވެރިން ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.

މިދިޔަ މަހު ސޫރިޔާ ސަރުކާރާއި، އިދިކޮޅު ހަނގުރާމަވެރިންގެ މެދުގައި ވީ އެއްބަސްވުމެއްގެ ދަށުން، ދަރާޔާގައި ތިބި އާންމު ރައްޔިތުންވަނީ ދިމިޝްޤްގައި ހުރި ސަރުކާރުގެ ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. އަދި އިދިކޮޅު ހަނގުރާމަވެރިންވަނީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އިދްލިބް ޕްރޮވިންސަށް ދަތުރުކޮށްފައެވެ.