ދީން

ޞަދަޤާތު ފައުންޑޭޝަނުން "ޢީދުފޯރި" ފަށައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމާއެކު އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ޞަދަޤާތު ފައުންޑޭޝަނުން "ޢީދުފޯރި" ގެ ނަމުގައި ހުޅުމާލޭގައި ކުލަގަދަ ޙަރަކާތްތަކެއް ފަށައިިފިއެވެ.

މިޙަަރަކާތްތައް ފެށީ މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުންނެވެ. ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިޔަ މިކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަ 29 ކުޅިވަރެއް ކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ޢީދު ފޯރީގައި މިރޭ ސްޓޭޖް ޝޯވްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޝޯވ ގައި ރާއްޖޭގެ މަޝްހޫރު ފަންނާނުތަކެއްގެ ހުށަހެޅުންތަކެއް އޮންނާނެކަމަށް ޞަދަޤާތު ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ. ޞަދަޤާތު ފައުންޑޭޝަނުން ބުނީ މިއީ ޢީދުގައި އެކި ރަށްރަށަށް ނުވަތަ ރާއްޖެއިން ބޭރަށް ނުދެވި ތިބި މީހުންނަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމާއެކު ކުރިއަށްގެންދާ ޙަރަކާތެއްކަމަށެވެ.

ޞަދަގާތު ފައުންޑޭޝަނަކީ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން އެކި އެކި ފަރާތްތަކަށް ދަނީ އެހީ ފޯރުކޮށްދެމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސްނެންގެވުމާއެކު ހިންގާ ޖަމްޢިއްޔާއެކެވެ. 

img:http://s3.psmnews.mv/images/660x400/5727.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް / އިޖްތިމާއީ މަސައްކަތުގައި އަވަދިނެތި އުޅުއްވާ ބޭކަނބަލެއް

އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަނީ ޢީދުގެ ތަހްނިޔާ ފޮނުއްވާފައެވެ. ޢީދުގެ މުނާސަބަތުގައި އެކަމަނާ ފޮނުއްވި މެސެޖްގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ އުފާފާގަތި ކަމަށް އެދިވަޑައިގެން ހެޔޮދުޢާ ތަކްރާރު ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. އަޟްޙާ ޢީދާ ދިމާކޮށް ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ފުރުސަތު ނުލިބި މާލޭގައި ތިބި ޢާއިލާތަކަށް ޚާއްސަކުރައްވައިގެން އެކަމަނާ ހިންގަވާ ސަދަގާތު ފައުންޑޭޝަނުން ވަނީ ޚާއްސަ ޙާރަކާތްތަކެއް ވިލިނގިއްޔާއި ހުޅުމާލޭގައި އިންތިޒާމްކުރައްވާފައެވެ. 

އެކަމަނާގެ ލޮބުވެތި މަންމާފުޅު އާލާސްކަންފުޅާ އުޅުއްވާތީ ހުޅުމާލެއާ ވިލިމާލޭގައި ކުރިއަށްދާ ޢީދު ޙަރަކާތްތަކުގައި ބައިވެރިވެވަޑާއިނުގެންނެވީތީ މިޙަރަކާތްތަކުގައި ބައިވެރިވި އެންމެހާ ރައްޔިތުންގެ ކިބައިން އެކަމަނާ މަޢާފަށް އެދިވަޑައިގަންނަވައެވެ. އަދި ޢީދުގެ އުފަލުގައި ސަދަގާތު ފައުންޑޭޝަނުން ހުޅުމާލެއާއި ވިލިމާލޭގައި ކުރިއަށްގެންދާ ޙަރަކާތްތަކުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަށް އެކަމަނާ އެދިވަޑައިގަންނަވައެވެ.