ރިޕޯޓް

އަބުރު ރައްކާތެރިކުރުން - ޤާނޫނަކުން ބަޔާންކުރުން ލާޒިމް


މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ޢަމަލުކުރައްވަން ފެއްޓެވި އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުން ކޮންމެ ދިވެހި ރައްޔިތެއްގެ އަބުރާއި، ޝަރަފާއި ރީތި ނަމަކީ ޤާނޫނުން ރައްކާތެރިކުރެވިގެންވާ އެއްޗެއްކަން ކަށަވަރުކޮށްދެއެވެ. 

މިއީ ޤާނޫނު އަސާސީންވެސް ރައްޔިތުންނަށް ލިބިދޭ ޙައްޤެކެވެ. އަބުރުރައްކާތެރިކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކުރަނީ މީހެއްގެ އަބުރަށް އަރައިގެންފިކަމަށް ބެލެވޭނީ ކިހާ ހިސާބަކުންކަމާއި، މިޙައްޤަށް އަރައިގެންފިމީހަކަށް ކަނޑައެޅިފައިވާ އަދަބުގެ ވާހަކައާއި، އަބުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މީޑިއާއާއި އެނޫންވެސް ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރެވޭނެ މިންގަނޑެވެ. މިއީ ޤާނޫނު އަސާސީން ލިބިދޭ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކަށަވަރު ކުރެއްވުމަށްޓަކައި ޤާނޫނަކުން ކޮންމެހެން ބަޔާންކުރަން ލާޒިމު ކަންކަމެވެ.

img:http://s1.psmnews.mv/images/660x400/14670199349304.jpg|ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ -ފޮޓޯ: މަޖިލިސް

އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުގައި އަނެކާގެ އަބުރަށް ހުތުރުކަމެއް އަންނަގޮތަށް މީހަކު ވާހަކައެއް ދައްކައި، އެވާހަކައެއް ކޯޓުގައި ސާބިތުކޮށް ނުދެވިއްޖެނަމަ ފަންސަވީސް ހާސް ރުފިޔާއާއި ދެމިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ޖޫރިމަނާ ކުރެވޭ ޢަދަދު ކަނޑައަޅާނީ އެމީހެއްގެ އަބުރާ ކަރާމާތަށް އެވާހަކައެއްގެ ސަބަބުން  އުނިކަންއައި މިންވަރާއި، މުޖުތަމައުގައި އެމީހަކު އަދާކުރާ ޙައިޞިއްޔަތަށް ބައްލަވާފައެވެ.

ޤާނޫނު އަސާސީން ލިބިދީފައިވާ ކޮންމެޙައްޤެއް އަދި މިނިވަންކަމަކީ އެއާ ގުޅިފައިވާ ޒިންމާތަކަކާއެކު އަންނަ އެއްޗެއްކަމުގައި ޤާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމާއެކު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގެ ހުދޫދުތަކާއި، އެމިނިވަންކަން ބޭނުންކުރުމުގައި ޢާންމު ފަރުދުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، މީޑިއާތަކުގެ ޒިންމާތައް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ހަނިކުރެވޭ 4 ހާލަތެއް މިޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެއީ އިސްލާމްދީނުގެ އަސްލަކާ ޚިލާފަށް ޚިޔާލު ފާޅުކުރުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޚިޔާލެއް ފާޅުކުރުމާއި، މުޖުތަމައުގެ ޢާންމު ނިޒާމާ ޚިލާފު ޚިޔާލެއް ފާޅުކުރުމުގެ އިތުރުން އަނެކާގެ އަބުރާ ކަރާމާތައް އުނިކަން އަންނަގޮތަށް ޝަރުޢީގޮތުން ސާބިތު ނުހިފޭ ވާހަކައެއް ދެއްކުމެވެ. އެހެންކަމުން އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުން ރައްކާތެރިކޮށްދެއްވަނީ ހަމައެކަނި ފަރުދުންގެ އަބުރާއި ކަރާމާތެއްނޫނެވެ. 

img:http://s2.psmnews.mv/images/660x400/14605362259207.JPG|ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

މުޅި ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، އިސްލާމްދީނުގެ މޫރިތިކަމަށް އުނިކަމެއް އަންނަފަދަކަމެއް ކުރުންވެސް މިޤާނޫނުގައި ވަނީ މަނާކޮށް ޖިނާޢީ އަދަބުތައް ކަނޑައަޅުއްވާފައެވެ. އެހެންކަމުން މިއީ ދީނީ އަދި ޤައުމީ އެއްބައިވަންތަކަށް ހިމާޔަތްކޮށް ކަށަވަރުކޮށްދޭ ޤާނޫނެކެވެ.

މިކަންކަމަކީ ޤާނޫނަކުން މަނާ ނުކުރެއްވިނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ދުސްތޫރީ ނިޒާމުގެ ރޫޙާ ޚިލާފު ކަންކަމަށްވުމުން މުސްލިމް މުޖުތަމައެއްގައި މިކަންކަމަކީ ކޮށްގެންވާނެ ކަންކަމެއްނޫނެވެ. 

ޤާނޫނަކުން މިކަންކަން މަނާކުރެއްވުމުން މުޖުތަމައުގެ އިޖްތިމާޢީ ނިޒާމު އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. ރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ވަރުގަދަ ކުރެއްވުމަކީ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ސަރުކާރުގެ މެނިފެސްޓޯގައިވެސް އިސްކަން ދެއްވާފައިވާ މުހިންމު ވަޢުދެކެވެ.

ސިޔާސީ ނުވަތަ އަމިއްލަ ފައިދާއަކަށްޓަކައި އަނެކާގެ އަބުރާ ކަރާމާތް ނަގާލުމަށް ހަޤީޤަތެއްނެތް ސާބިތުނުހިފޭ ވާހަކަތައް ދެއްކުމަކީ ސިޔާސީ ހަތިޔާރަކަށް ބައެއް ސިޔާސީ ފަރާތްތަކުން ހަދަމުންދިޔަ ދަނޑިވަޅެއްގައި އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނު ވުޖޫދައް އައުން ވެގެންދާނީ މިކަންކަމަށް ޙައްލެއް ލިބިގެންދާނޭ ކަމެއްކަމުގައި ޕީ.އެސް.އެމަށް މައުލޫމާތުދެއްވި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި ވަޒީރުން ދެކެވަޑައިގަންނަވައެވެ. އަދި މިޤާނޫނު ވުޖޫދައް އައިފަހުން މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ތަފާތު ފެނިފައިވާކަމަށާއި، މިއީ ރާއްޖޭގެ އިޖްތިމާއީ ނިޒާމު ނަގައި ކޮޅަށް ޖެހުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްކަމަށް ޕީ.އެސް.އެމާ ވާހަކަދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/9742.jpg|ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާއީ އަދި އިޤްތިޞާދީ އެތައް މައްސަލައެއްގެ ޙައްލަކަށް އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވެގެންދާނެކަމަށް ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤަބޫލުކުރައްވާއިރު އިޖްތިމާއީ އަދި އިގްތިޞާދީ ގޮތުން ޤައުމަށް ކުރާ ކޮންމެ ފައިދާއަކީ މުޅި ދައުލަތާއި ރައްޔިތުންނަށް އޭގެ ސީދާ މަންފާކުރާނެ ކަންކަމެވެ. އެމީހެއްގެ އަބުރާ ކަރާމާތަކީ ރައްކާތެރިކުރެވިގެންވާ އެއްޗެއްކަމުގެ ޔަޤީންކަމަކީ ދުނިޔެމަތީގައި މީހަކަށް ލިބޭނެ އެންމެބޮޑު އެއް ހިތްހަމަޖެހުމެވެ.