ދުނިޔެ

ފަރަންސޭސިވިލާތަށް ޢަމާޒުކޮށް ދޭން ރޭވި ޓެރެރިސްޓް ޙަމަލާތައް


ފަރަންސޭސިވިލާތަށް ޢަމާޒުކޮށް އިތުރު ޓެރެރިސްޓް ޙަމަލާތަކެއް ދިނުމަށް ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަން އެ ޤައުމުގެ ބޮޑުވަޒީރު މެނުއެލް ވައިސް ހާމަކުރައްވައިފިއެވެ.

މިކަމާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ވައިސް ވިދާޅުވީ، މި ރޭވުންތަކުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި، ފާއިތުވި ދެ ހަފްތާގެ ތެރޭގައި ޓެރެރިސްޓް ޖަމާޢަތްތަކަށް ނިސްބަތްވާ ދެ ގްރޫޕެއް ހައްޔަރުކޮށް، އެ މީހުންގެ ރޭވުންތައް ފެއިލްކޮށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެ ތެރެއިން އެއް ހާދިސާގައި، ފުލުހުންވަނީ، ގޭސް ފުޅިތަކެއް ބަރުކޮށް، ގޮއްވާލަން ތައްޔާރުކޮށްފައިވާ ކާރެއް ހޯދާ، އެ ޢަމަލު ރޭވުމުގައި މަސައްކަތް ކުރި މީހުން ހައްޔަރުކޮށްފައެވެ. އަދި، ވެރިރަށް ޕެރިހުގެ ރޭލު ނެޓްވޯކަށް ޢަމާޒުކޮށް ޙަމަލާ ދިނުމަށް މަސައްކަތްކުރި ބަޔަކު ހޯދާ، އެ މީހުން ހައްޔަރު ކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވައިސް އިތުރަށް ވިދާޅުވީ، ހައްދުފަހަނައަޅާފައިވާ ޓެރެރިސްޓް ޖަމާޢަތްތަކާއި ގުޅުން އޮތްކަމަށް ތުހުމަތު ކުރެވޭ 1،500 އަށްވުރެ ގިނަ މީހުން މިހާރު މޮނީޓަރ ކުރަމުންދާ ކަމަށެވެ. 2015 އަހަރު ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ފަރަންސޭސިވިލާތުގެ ޢަމާޒުތަކަށް ދީފައިވާ ތަފާތު އެކި ޓެރެރިސްޓް ޙަމަލާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު 230 އަށް އަރައެވެ.