ޚަބަރު

އިޓަލީވިލާތުން 18،000އަށްވުރެ ގިނަ ފަތުރުވެރިން


  • އިޓަލީއަކީ 2ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމު

  • އެއީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ %10.7

އަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް 18،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. އިޓަލީއަކީ ރާއްޖެއަށް މިހާރު 2ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް އިޓަލީވިލާތުން ރާއްޖެއަށް 18,256 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެގައުމުުން ރާއްޖެއަށް ޒިޔާރާތްކުރި 16,614 ފަތުރުވެރިންނާއި އަޅާ ބަލާއިރު 9.8 އިންސައްތަ އިތުރު އަދަދެކެވެ.

އިޓަލީވިލާތަކީ އާންމުގޮތެއްގައި ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކުރާ ފަތުރުވެރިންގެ ލިސްޓުގައި އަބަދުވެސް ހިމެނޭ ގައުމެކެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު 3 ވަނައިން އޮތް އިޓަލީ ވިލާތު މިހާރު އޮތީ 2ވަނައިގައެވެ. އަދި ރާއްޖެއަށް ޒިޔާރާތްކުރި ޖުމްލަ ފަތުރުވެރިންގެ 10.7 އިންސައްތަ ހިއްސާކުރަނީވެސް އެޤައުމުގެ ފަތުރުވެރިންނެވެ.

މި ލިސްޓުގެ އެއްވަނައިގައި އޮތީ ރަޝިޔާއެވެ. އެޤައުމުން 23,943 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރަޝިޔާއިން ރާއްޖެއަށް ޒިޔާރާތްކުރި 18,651 ފަތުރުވެރިންނާ އަޅާ ބަލާއިރު 28.3 އިންސައްތަ އިތުރު އަދަދެކެވެ.

މިއާއެކު، އަަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 170,709 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 160,224 ފަތުރުވެރިންނާ އަޅާ ބަލާއިރު 6.5 އިންސައްތަ އިތުރު އަދަދެކެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް 7،000 އަށްވުރެ ގިނަ ފަތުރުވެރިން ދަނީ ޒިޔާރާތްކުރަމުންނެވެ.

ރާއްޖޭގެ ވަކިވަކި އެއަރޕޯޓުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އެއީ 168,559 ފަތުރުވެރިންނެވެ. އަދި 627 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ އަދަަދަކަށް ފަތުރުވެރިން އެތެރެވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. މި ލިސްޓުގެ ތިންވަނައިގަ އޮތް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން 508 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވެއެވެ.

މިއަހަރު ނިމެންވާއިރަަށް ރާއްޖެއަށް 2.4 މިލިޔަން ފަތުރުވެރިން ޒިޔާރާތްކުރާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި 2.2 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު 2 ލައްކަ އިތުރު އަދަދެކެވެ.