މުނިފޫހިފިލުވުން

މުޅި ރާއްޖޭގައި ފޯރީގައި ޢީދު ފާހަގަކުރަނީ


އަޟްހާ ޢީދުގެ ޙަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ކުލަ ގަދަކޮށް ފާހަގަކޮށް، އީދުގެ ފޯރި ނަގައިފިއެވެ. އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ތަފާތު ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. ޢީދު ދުވަހުގެ ޙަރަކާތްތައް ހުރިހާ ރަށެއްގައިވެސް ފެށިގެން ދިޔައީ ޢީދު ނަމާދުންނެވެ. 

ދިވެހިން ބޮޑު ޢީދުގެ ގޮތުގައި ފާހަގަކުރާ އަޟްހާ ޢީދަކީ، އެންމެން ރަށުގެ އެއްތަނަކަށް ޖަމާވެ، ތަފާތު ކުޅިވަރުތަކުގައި ރަށުގެ ހުރިހާ ރައްޔިތުންހެން ޝާމިލްވާ މުނާސަބަތެކެވެ. އެގޮތުން މިއަހަރު އަޟްހާ ޢީދުގައި ފެނިގެންދިޔަ ޙަރަކާތްތަކަށް ބަލާލާއިރުގައި، ހއ. އިހަވަންދޫގައި ކުރިއަށްގެންދިޔަ ކުޅިވަރުތަކުގެ ތެރެއިން މަލިކު މީހުންގެ ޚާއްސަ ނެށުމުގެ ޙަރަކާތަކީ ފާހަގަކޮށްލެއްވޭ ހަރަކާތްތެކެވެ. ޢިދު ކުޅިވަރުގެ ކުރިއަށްގެންދިޔަ ރަށްރަށުގެ ތެރެއިން ފީއެސްއެމްއަށް މަޢުލޫމާތު ލިބިފައިވާ ރަށްތަކުގެތެރޭގައި، ބ.އަތޮޅު ކުޑަރިކިލުގައި ބޮޑު މަސް ބޭނުމާއި، ކޯޑި ކެނޑުމާއި، އަންހެނުންގެ ކުރު ފަލި ޖެހުން، ތާރަޖެހުން ފަދަ ޢީދުގެ ސަޤާފީ ގިނަ ޙަރަކާތްތަކެއް އެރަށުގެ ކުރިއަށް ގެންގޮސްފައިވެއެވެ.   

img:http://s1.psmnews.mv/images/660x400/14736868615546.jpg|ޢީދު ފާހަގަކުރުން ބ. ކުޑަރިކިލުން

ހއ. ބާރަށުގައި ވެސް ޢީދާ ގުޅިގެން، ބަކަރި ކަތިލުމާއި، އެކި ކުޅިވަރުތައް ބާއްވާފައިވެއެވެ. ހދ. ކުޅުއްދުފުށީގައި ޢީދާ ގުޅިގެން ފެން ކުޅީގެ ޚަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނ. މަނަދޫ ޢީދު ދެލިމާލި ނެރުން ކުރިއަށް ގެންދިޔައެވެ. އެރަށުގައިވެސް އަންހެނުންގެ ކުރު ފަލި އަދި ފިރިހުނުންގެ ދަނޑި ޖެހުން ބާއްވާފައިވެއެވެ.

ގދ. ފަރެސްމާތޮޑާގެ ޢީދު ކުޅިވަރު ފެށިފައިވަނީ ޢީދު މަޅި ރޯކުރުމުގެ ޙަރަކާތުންނެވެ. ޢީދާ ގުޅިގެން މާލޭގައި ހިންގާފައިވާ ބައެއް ޙަރަކާތްތަކަށް ބަލާއިރު، އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. މި ހަވީރުގައި ކުޑަކުދިންގެ ފޭސް ޕެއިންޓިންގއާއި، މެޖިކް ޝޯވ، އަދި މުނިފޫހިފިލުވުމުގެ ސްޓޭޖް އައިޓަމް ތަކެއް ބާއްވާފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14736867932642.jpg|މާލޭގައި ޢީދު ފާހަގަކުރުމަށް އާރޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން

ޢީދު ދުވަހުގެ ހަރަކާތްތައް މިއަދުން ފެށިންގެން ކުރިއަށް ތިން ދުވަހު ކުރިއަށްދާނެ ކަމަށް ރަށްރަށުން މަޢުލޫމާތުދެއެވެ.