ޚަބަރު

ބޯންމަތު އަތުން ފަހު ވަގުތު ލިވަޕޫލް ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެ އެވެ.

ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި އެގާރަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބޯންމަތު އިން ވަނީ މޮޅު ކުޅުމެއް ދައްކާ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގައި ބޯންމަތު އިން ލީޑު ނަގާފައިވަނީ މެޗުގެ 26 ވަނަ މިނިޓުގައި ލިވަޕޫލްގެ ޑިފެންޑަރ ވެންޑައިކް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެވަނިލްސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ 33 ވަނަ މިނިޓުގައި ބޯންމަތުގެ އެލެކްސް ހިމިނޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދު އައު ކޮށްފަ އެވެ. މި ލަނޑަކީ ވެންޑައިކް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ލިވަޕޫލް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ޑޮމިނިކް ސޮބޮޒްލާއީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ފަސްވަނަ މިނިޓުގައި ބޯންމަތުގެ އަމީން އަދްލީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.

މި ނަތީޖާ އާއި ބޯންމަތު އިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ މަގާމް ހޯދާފަ އެވެ. މި އަހަރު އަދި ޕްރިމިއާ ލީގުގެ މެޗަކުން މޮޅުވެފައިނުވާ ލިވަޕޫލް އަށް ލިބިފައިވާ 36 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.