ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހު ވަގުތު ޓީސީ ސްޕޯޓްސް ކުލަބުން ޖެހި ލަނޑާއެކު ރެލިގޭޝަނުން ސަލާމަތްވެ ހަމަނޭވާ އެއް ލައިފިއެވެ. ކުލަބު ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗު ޓީސީ ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.
މި ނަތިޖާ އެކު ޓީސީ ހަތްވަނައިގަ އޮތީ 16 މެޗުން ހޯދި 15 ޕޮއިންޓާއެކުއެވެ. މިއީ ފަހަތުގައި އޮތް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީއަށް ކުރިއަށް އޮތް ދެމެޗު ކާމިޔާބު ކޮށްގެން ވެސް ހޯދޭނެ ވަރެއް ނޫނެވެ.
ޓީސީ ޕްރިމިއަރ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް ބުރުން ޖާގަ ހޯދިއިރު މި ޖާގައަށް މިހާރު ވާދަކުރަނީ 8 ވަނައިގަ 11 ޕޮއިންޓާ އެކު އޮތް ކުލަބް ގްރީން ސްޓްރީޓްސް އާއި 9 ވަނައިގަ 8 ޕޮއިންޓާ އެކު އޮތް ވެލެންސިއާގެ އިތރުން ފުލުގައި އޮތް ޔުވީ އެވެ. ޔޫވީ އަށް މިހާތަނަށް ލިބިފަ ވަނީ 7 ޕޮއިންޓެވެ.
ލީގުގެ 16 ވަނަ ހަފްތާގެ ކުޅުން ނިމުނު އިރު ތާވަލުގެ އެއްވަނައިގަ 44 ޕޮއިންޓާ އެކު އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގު ކަށަވަރު ކުރުމަށް ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. ތާވަލުގެ ދެވަނައިގަ އޮތް އޮޑި ސްޕޯޓްސް ކުލަބުން ވަނީ މިހާތަނަށް ކުޅުނު މެޗުތަކުން 38 ޕޮއިންޓް ހަމަކޮއްފައެވެ. ތިންވަނައިގަ ނއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތީ 33 ޕޮއިންޓާއެކުވެ.
ހަތަރު ވަނައިގަ ބުރު ސްޕޯޓްސް ކުލަބު އޮތީ 28 ޕޮއިންޓާއެކުވެ. އީގަލްސް ފަސްވަނައިގަ އޮތީ 22 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް އަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެން ވިކްޓަރީ އޮތީ ހަވަނައިގައެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ދެޓީމުން ލަނޑުޖަހަން މާ ގިނަ ފުރުސަތުތަކެއް ހޯދިފައެއް ނުވެއެވެ. މެޗުގެ 8 ވަނަ މިނިޓުގައި ޓީސީ ހުސެއިން ޝަރީފް މުހައްމަދު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ޓީސީގެ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.
މެޗުގެ 29 ވަނަ މިނިޓުގައި ވެލެންސިއާގެ ބިދޭސީ ކުޅުންތެރިއާ އަމަޓިއަސް މާޓިނޭޒް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ޓީސީގެ ކީޕަރު ވަނީ ވެއްޓިގެންފަ ސަލާމަތް ކޮއްފައެވެ.
މެޗުގެ 88 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ޓީސީ ބިދޭސީ ކުޅުންތެރިއާ އިބްރާހިމް ޖިމޯ ގޯލާ ކައިރިން ފޮނުވާލި ހަމަލާއެއް ވެލެންސިއާގެ ކީޕަރު މަތަ ކުރިއިރު ޓީސީ ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ކޯނަރެއްގައި ވެލެންސިއާ ކުޅުންތެރިންނަށް އޭރިއާ ތެރެއިން ސާފު ނުކޮއްލެވުނު ބޯޅައެއް ޓީސީ ބިދޭސީ ފޯވާޑު ބޮއަޑޫ ޕްރިންސް ގޯލަށް ވައްދަލައިގެންވެ.
މިއީ މި ލީގުގައި ޓީސީ ހޯދި ހަތަރު ވަނަ މޮޅެވެ.