ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްއޮތް ރަމަޟާންމަހު ގޭބީސީތަކަށް ދޫކުރާ މަސްދަޅު ކޭސް ބަހަން ފަށައިފިއެވެ. އެންމެ ފުރަތަމަ މަސް ދަޅު ކޭސް ބަހަން ފަށާފައިމިވަނީ މާލެ ސަރަހައްދުގައިއެވެ.
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފައްޓަވާފައިވާއިރު ކޮންމެ ރެޔަކު 8:00 އިން ފެށިގެން 11:00 އަށް މަސް ދަޅު ކޭސް ދޫކުރުން ކުރިއަށްދާނެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މަސް ދަޅު ކޭސް ދޫކުރާނީ ޓޯކަން ނަމްބަރުތަކަށް ކަމަށާއި، ކޮންމެ ރެޔަކު 300 ޓޯކަންއަށް މަސްދަޅުކޭސް ދޫކުރާނެކަމަށެވެ. އަދި މިހާތަނަށް 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ޓޯކަން ނަގާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރަމަޟާންމަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށްވެސް މަސްދަޅުކޭސް ބަހާ ނިންމާލުންކަމަށެވެ. އެގޮތުން މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ރޯދަމަހަށް ޚާއްޞަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118673 މަސްދަޅު ކޭސް ރޯދަމަސް ފެށުމުގެ ކުރިންބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ވިދާޅުވެފައެވެ. މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަމަހުގެ 18ވަނަ ދުވަހެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.