ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހިއްލާލި ގައުމީ ފުޓްސަލް ޓީމުން ހޯދި ކާމިޔާބީއަކީ ރާއްޖޭގައި ތިބި ޒުވާން އެތުލީޓުންނަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށްވާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ބެންކޮކުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބޫޓާނާއި ވާދަކޮށް 3-1 އިން ހޯދި މޮޅާއިއެކު މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ފުޓްސަލް ޓީމުން ކަށަވަރުކުރުމާއި ގުޅިގެން އެޓީމަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ. ގައުމީ ފުޓްސަލް ޓީމަށް މަރުޙަބާ ދަންނަވާ ނައިބު ރައީސް ވިދާޅުވީ މިކާމިޔާބީއަކީ ރާއްޖޭގެ ޒުވާން އެތުލީޓުންނަށް އިތުރު ހިތްވަރަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށާއި ކާމިޔާބީއަށް ވާސިލުވުމަށް އެއެތުލީޓުން ދެކެމުންދާ ހުވަފެންތަކުގައި ކުލަޖެއްސުމުގައި މިކާމިޔާބީ ބޮޑު ދައުރެއް އަދާކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތި ފަރިތަކުރުމަށްފަހު ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް މިހާތަނަށް ސައްތައިން ސައްތަ ރެކޯޑަކާއެކު ގައުމީ ފުޓްސަލް ޓީމު ވަނީ ވާދަވެރި ގައުމުތައް ފަހަތަށް ޖައްސާލައި، ހައިރާންކޮށްލާފައެވެ. މުބާރާތުގެ ތަށި ގައުމީ ފުޓްސަލް ޓީމުން ކަށަވަރުކޮށްފަމިވަނީ ރާއްޖޭގެ ފަސްވަނަ މެޗުގައި ބޫޓާނުގެ މައްޗަށް 1-3 އިން ހޯދި މޮޅާއެކުގައެވެ. މުބާރާތުގައި އަދި ރާއްޖެއަށް އެއް މެޗު އޮތްއިރު ސާފް ޗެމްޕިއަންޝިޕުގެ ފަޚުރުވެރި ތަށްޓާއެކު ގައުމީ ފުޓްސަލް ޓީމުން އެނބުރި ގައުމަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.