ކުޅިވަރު

ރާއްޖެ – އިންޑިއާ ކުރިކެޓު މެޗު ކުޅިވަރު ވަޒީރު ޝަރަފުވެރިކޮށްދެއްވައިފި


  • މިއީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ގުޅުން ގާއިމުކުރިތާ 60 އަހަރުވުމުގެ މުނާސަބަތުގައި ކުޅެވުނު މެޗެއް

  • މިމެޗުގައި އިންޑިއާ ހައިކޮމިޝަނަރވެސް ކުޅުއްވާފައިވޭ

  • ރާއްޖޭ ޓީމުގައި ސީބީއެމްގެ ރައީސް ފައިސަލްއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޑެޕިއުޓީ މިނިސްޓަރ އާރިފް ރިޒާ ހިމެނިވަޑައިގެންނެވި

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރުވުމުގެ މުނާސަބަތުގައި ކުރިއަށް ދިޔަ އެކުވެރިކަމުގެ ޓީ20 ކުރިކެޓު މެޗު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކޯޓުގައި ކުރިއަށް ދިޔަ މިމެޗުގައި ވާދަކޮށްފަވަނީ އިންޑިއާގެ އެމްއޯއެފްއޭ އެކްސް އައި ޓީމާއި ރާއްޖޭގެ އެޗްސީއައި އެކްސް އައި ކުރިކެޓް ޓީމެވެ.

ރާއްޖެ އަދި އިންޑިއާ ވާދަކުރި ފޯރި ގަދަ މިމެޗުގައި އިންޑިއާ ހައިކޮމިޝަނަރވެސް ކުޅުއްވާފައިވާއިރު ރާއްޖޭ ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ސީބީއެމްގެ ރައީސް މުޙައްމަދު ފައިސަލްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޑެޕިއުޓީ މިނިސްޓަރ އާރިފް ރިޒާ ހިމެނިވަޑައިގަންނަވައެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރުވުމުގެ މުނާސަބަތުގައި ކުރިއަށް ދިޔަ މިމެޗުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންގޮސްފިކަމަށާއި މިފަދަ މެޗުތަކުގެ ސަބަބުން ދޭދޭ ގުޅުންތައް ކުޅިވަރުގެ ޒަރިއްޔާއިން ބަދަހިވާކަމަށް ސީބީއެމްއިން ބުނެއެވެ. މިމެޗަށްފަހު ކުޅިވަރު ވަޒީރާއެކު ދެ ޓީމުން ވަނީ ހަނދާނީ ފޮޓޯއެއް ނަގާފައެވެ.