ހުރިހާ ދިވެހިންވެސް ތިބީ ޤައުމީ ފުޓްސަލް ޓީމާއެކުކަމަށާއި، ރައްޔިތުން ތިބީ، ޤައުމީ ޓީމުން ތަށްޓާއެކު އެނބުރި ރާއްޖެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ގދ. ފިޔޯރީގައި ހުންނަވައި "ޕީއެސްއެމް ނިއުސް" އާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މުޅި ޤައުމު އޮތީ ޤައުމީ ޓީމާއެކުގައި ކަމަށާއި، އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން، ކުޅިވަރުގައި ދިވެހިން ދައްކައިދޭ އެއްބައިވަންތަކަމުގެ ރިވެތި ސިފަ މި ފަހަރުވެސް ފެނިގެންދާނެ ކަމަށެވެ.
ނައިބު ރައީސް ވަނީ، މުޅި ރާއްޖޭގައިވެސް، މީސްމީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހުރިހާ ދިވެހިން ވެސް ޤައުމީ ޓީމާއެކު ތިބިކަން ހާމަކުރަމުންދާކަން ފާހަގަކުރައްވައި، ދިވެހި ޓީމާއިމެދު ދިވެހިންގެ އުއްމީދުތައް ހުރި މިންވަރު އެކަމުން ހާމަވެގެންދާކަމަށް ވިދާޅުވެފައެވެ.
ނައިބު ރައީސް ވިދާޅުވީ، ތަށްޓާއެކު ޤައުމީ ޓީމުން އެނބުރި ރާއްޖެ އަންނައިރު، ޓީމަށް މަރުޚަބާ ކިޔުމަށް ދިވެހިން ތައްޔާރުވެގެން ތިބޭނެކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ދިވެހި މުޅި ޤައުމު މިއޮތީ ދިވެހި ޤައުމީ ޓީމާއެކުގައޭ. އަބަދުވެސް ކުޅިވަރުގައި ދިވެހިން ދައްކައިދޭ ނަމޫނާ، މި އެއްބައިވަންތަކަމުގެ ރިވެތި ސިފަ، އިރާދަކުރެއްވިޔާ މިފަހަރު ވެސް އަޅުގަނޑުމެންގެ ރާއްޖެއިން ދައްކައިދޭނެ، އެކި ކަންކޮޅުތަކުން ދިވެހި ޓީމާއެކު އޮތްކަމުގެ ޝުއޫރުތައް އެބަ ފާޅުކުރަމުންދޭ. މުޅި ރާއްޖޭގެ ނޫސްތަކުގައި، މީޑިއާގައި، ސޯޝަލްމީޑިއާގައި މިއޮތީ އެވާހަކަ. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އެނގޭ ދިވެހިންގެ އުއްމީދުތައް ހުރިވަރު. ދިވެހި ކުޅުންތެރިންވީ ތިގޮތުގައި، ތި ސާބިތުކަންމަތީގައި ތަށި ހިފައިގެން ރާއްޖެ އަންނަން. އަޅުގަނޑުމެން މި ތިބީ ހޫނު މަރުހަބާއެއް ގައުމީ ޓީމަށް ކިޔަން ތައްޔާރަށް. ދިވެހި ރައްޔިތުން އެ ތިބީ އެކަމަށް ކެތްމަދުވެފައި." ސާބިތުކަމާއެކު ކުޅެ، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ޓީމުގެ ކިބައިން އެދިވަޑައިގަންނަވަމުން ނައިބު ރައީސް ވިދާޅުވިއެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށްޓާއެކު ޤައުމީ ޓީމުން އެނބުރި ރާއްޖެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި މުޅި ޤައުމު އޮތްކަމަށް ނައިބުރައީސް ވިދާޅުވިއިރު، މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރަން ރާއްޖެއަށް ދެން އޮތް ދެމެޗުގެ ތެރެއިން ބޭނުންވަނީ އެންމެ މެޗަކުން މޮޅުވާށެވެ.
މުބާރާތުގައި ހޮނިހިރު ދުވަހު ރާއްޖެއިން ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދައިފިނަމަ ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވީއެވެ. މި މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 15:00 ގައެވެ. މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.