ނިމުނު ހަފުތާއަކީވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިންގާދިޔަ ހަފްތާއެކެވެ. މިދިޔަ ހަފްތާ ތެރޭގައި ފާހަގަކޮށްލެވުނު މުހިންމު ޚަބަރުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ޚަބަރަކީ (21 ޖަނަވަރީ) ފޯޅަވަހި ލިބުން އެންމެ ޙައްގު ޤައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ޚަބަރެވެ. އިނގިރޭސިވިލާތުގެ އެކްސްޕްރެސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނުވަނީ ޗާގޯސް މޮރިޝަސްއަށް ދޭން އިނގިރޭސި ސަރުކާރުން ނިންމި ނަމަވެސް އެތަނާއި ދިވެހިންނާއި ތާރީޚީގޮތުން ބޮޑު ގުޅުމެއް އޮތް ކަމަށް ވިދާޅުވެފައެވެ. ތަފްސީލު މިވަގުތު ހާމަކުރެވެން ނެތްނަމަވެސް މިމައްސަލައިގައި ރާއްޖެއިން ދެކޭގޮތާއި ރާއްޖޭގެ ކަންބޮޑުވުން އިނގިރޭސި ސަރުކާރަށް ސާފުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
(17 ޖަނަވަރީ) ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ، މިއަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ 3:30 ގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިފަހަރު އިންތިޚާބަށް ކުރިމަތިލެވޭނީ އެކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށެވެ. އެކޮމިޝަނުން ވަނީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އިންތިޚާބާއި ގުޅޭ ޤައުމީ ކޮމްޕްލެއިންސް ބިއުރޯވެސް އެދުވަހު އުފައްދަވާފައެވެ.
(18 ޖަނަވަރީ) ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔަވާހިކަން ކަށަވަރުވާނެހެން ސަރުކާރުން ކުރިއަށް ގެންދާ އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާޙްކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. ސަރުކާރުން އިއުލާންކޮށްފައިވާ މިސްކީމުގެ ދަށުން ރަސްމާލެއިން 15000 ގޯތި ދޫކުރާނެކަންވަނީ އިޢުލާންކުރައްވާފައެވެ. އަދި މާލެ ސަރަހައްދުގައި 7000 ފްލެޓްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިސްކީމުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ހަމަޖެހިފައިވަނީ، 4 ގިންތިއަކަށް ބަހާލައިގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމުގެ އަސާސީ ޝަތުރުތުތަކާއި ޕޮއިންޓް ދިނުމުގެ އުސޫލުވެސް ވަނީ އާއްމުކުރައްވާފައެވެ.
(18 ޖަނަވަރީ) ޢުމްރާނީ ތަރައްޤީގެ ދާއިރާގެ އެހެން ޚަބަރަކަށް ބަލާއިރު މިދިޔަ ހަފްތާއަކީ ޞިއްޙީ ދާއިރާއަށް ބޮޑުކުރިއެރުމެއް ލިބުނު ހަފްތާއެކެވެ. 56 ރަށަކަށް އެމްބިއުލާންސް ފޮނުވަން ނިންމައި އެމްބިއުލާންސްތައް އެރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި ހަވާލު ކުރެވުނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެމްޕީއެލްއާއި ހަވާލުކޮށްގެން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިޔަ މިމަސައްކަތް ނިމުނު ނަމަވެސް އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމާއިވެސް ހަވާލުވެފައި އޮތީ އެކުންފުނިން ކަމަށް ޞިއްޙީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
(21 ޖަނަވަރީ) މީގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަދުވަހުއެވެ. (21 ޖަނަވަރީ) ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، 3 ރަށެއްގައި އިސްލާމީ މަރުކަޒު އެޅުމަށް ހަވާލުކޮށްފިއެވެ. އިސްލާމީ މަރުކަޒު އަޅަން ހަވާލުކުރި ރަށްތަކަކީ ޅ.ނައިފަރު، ހއ.އިހަވަންދޫ، ގއ.ވިލިނގިލިއެވެ
(21 ޖަނަވަރީ) އިޤްތިޞާދީ ދާއިރާއިންވެސް މިދިޔަ ހަފްތާގައި މުހިންމު ޚަބަރުތަކެއް ލިބިގެންގޮސްފައިވެއެވެ. އެގޮތުން މިފްކޯއިން 10 ކިލޯއިން މަތިން ކަންނެލި ގަންނަން ފަށާފައިވާކަން ހާމަކޮށްފައިވަނީ ނިމުނު ހަފްތާގައެވެ. މިފްކޯގެ މަސްކިރާ ބޯޓުތަކާއި ބަނދަރުތަކުން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށާފައިވާއިރު މި ސައިޒުގެ ކަންނެލި ގަންނަނީ 20ރ މަގުންނެވެ. މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ކިލޯއިން މަތީގެ ކަންނެލިވެސް މިފްކޯއިން ދަނީ ގަންނަމުންނެވެ. މި ސައިޒުގެ ކަންނެލި މިފްކޯއިން ގަންނަނީ 25ރ. ގެ މަގުންނެވެ. މިފްކޯއިން ވަނީ ކަންނެލި މަސްވެރިންނަށްވެސް ކަޅުބިލަ މަސްވެރިންނެކޭ އެއްގޮތަށް 48 ގަޑިއިރުތެރޭ މަހަށް ފައިސާ ދެމުންދާކަމަށް ވިދާޅުވެފައެވެ.
ނިމުނު ހަފްތާގައި ފާހަކޮށްލެވޭ އިތުރު ޚަބަރުތަކަށް ބަލާއިރު، (17 ޖަނަވަރީ) ޓެކްސީލައިންގެ ޑްރައިވަރުންނަށް ބޭއްވި އިންޓަވިއުތައް ކުރިއަށް ގެންދިޔަ ޚަބަރު ހިމެނެއެވެ. ވޯކް އިން އިންޓަވިއުތަކެއް ޑްރައިވަރުންނަށް ބޭއްވިއިރު މި އިންޓަވިއުތަކަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މި އިންޓަވިއުއަށް 270 އެއްހާ މީހުން ވަނީ ހާޒިރުވެފައެވެ. މީގެ އިތުރުން (22 ޖަނަވަރީ) ތަޢުލީމީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އާމިނަތު ޙަސަން (އައިންތު މިސް) ނިޔާވީ ނިމުނު ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އަދި (21 ޖަނަވަރީ) މި ފެށޭ ދިރާސީ އަހަރު، 4790 ދަރިވަރުން ގްރޭޑްތަކަށް ވެއްދުމަށް ހުށަހަޅާފައިވާކަން ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވަނީ ނިމުނު ހަފްތާ ތެރޭގައެވެ.
މީގެ އިތުރުން (21 ޖަނަވަރީ) ކޯވިޑް-19ގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ ޓެކްސްއަށް ގަސްދުގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޑރ. ޢަލީ ޢަބްދުالله ލަތީފާއި، ޑރ. އިކްލީލު ޝަރީފުގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފައިވަނީވެސް ނިމުނު ހަފްތާތެރޭގައެވެ.