ދީން

''ވޯލްޑް ޤުރުއާން އަވަރ" ރާއްޖޭގައި ފާހަގަކުރައްވައިފި


''ވޯލްޑް ޤުރުއާން އަވަރ"ގައި އިސްލާމިކް ޔުނިވަރިސިޓީ އޮފް ދަ މޯލްޑިވްސްއިން ބައިވެރިވެރިވަޑައިގެން، އެކަން ފުރަތަމަ ފަހަރަ ރާއްޖޭގައި ފާހަގަކުރައްވައިފިއެވެ. މިއީ ރާއްޖެއިން ވޯލޑް ޤުރުއާން އަވަރގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ވޯލްޑް ޤުއުރާން އަވަރ މިފަހަރު ފާހަގަކުރައްވާފައިވަނީ ޢަރަފާތު ދުވަސްކަމަށްވާ މިއަދު ހެނދުނު ނުވައަކުން ދިހައަކަށެވެ. މި ޕްރޮގްރާމަކީ ޤުރުއާނާއެކު އުޅޭ މުޖުތަމަޢެއް ބިނާކުރުމުގެ ގޮތުން މެލޭޝިއާގެ ޤުރުއާނާބެހޭ ޚާއްޞަ މަރުކަޒުން އިންތިޒާމް ކޮށްގެން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ދީނީ ޙަރަކާތެކެވެ. މި ޕްރޮގްރާމް ޚާއްސަކުރެވިފައިވަނީ، ކީރިތި ޤުރުއާންގެ ޖައުހަރާމެދު ވިސްނައި، ފިކުރުކޮށް އެ މާތް އިލްޙާމުތަކުން އިލްޙާމް ލިބިގަތުމަށެވެ.

ޤުރުއާން އަވަރއަށް މިއަހަރު ކަނޑައަޅާފައިވާ މަވްޟޫއަކީ، ކީރިތި ޤުރުއާނުން އިލްޙާމް ލިބިގަނެގެން، އަޅުގަނޑުމެންގެ ތެރޭގައި  ލޮބިވެތިކަމާއި، ޝުކުރުވެރިކަން ދިރުވާ އާލާކުރުން، މި މަޢުޟޫއެވެ. ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި، މިއަދު ބޭއްވެވި ޤުރުއާން އަވާގައި މިމައުޟޫއަށް އިންސާފުކޮށްދެއްވާފައިވަނީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ޔުނިވަރިސޓީގެ ކައުންސިލް މެންބަރު ޑރ. މުޙައްމަދު ޢަލީއާއި، ލެކްޗަރަރ އައްޝައިޚް އަބްދުލް ޢަޒީޒު ޙުސައިން އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛާ ޙައްވާ ލަޠީފެވެ.

އިސްލާމިކް ޔުނިވަރިސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ،  ކީރިތި ޤުރުއާން ތިލާވަތުކުރުމާއި، ޤުރުއާނުގެ ހަތަރު އާޔަތެއްގެ މައްޗަށް ތަފްޞީލްކޮށް ބައްލަވާލައްވާފައެވެ.

މިއަހަރު ބޭއްވި ޤުރުއާން އަވަރގައި މެލޭޝިއާ، ޔޫކޭ، އޫއެސްއޭ، އޮސްޓްރޭލިއާ، ސިންގަޕޫރު މިހެންގޮސް ވަރަށް ގިނަ މުސްލިމް ކޮމިއުނިޓީތަކުން ބައިވެރިވެފައިވާ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވެއެވެ.

ޤުރުއާން އަވަރ ފުރަތަމަ ފާހަގަކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން އިސްލާމީ ބޮޑެތި ޤައުމުތަކުގައި ޤުރުއާން އަވަރ ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން ގެންދެއެވެ. އޭގެތެރޭގައި މިސްރު، ސަޢޫދީ އަރަބިއްޔާ، ބުރޫނާއި، ތުރުކީ ފަދަ ޤައުމުތައް ހިމެނެއެވެ.