ޣައްޒާގެ ހިންގުމާ ޙަވާލުވާ ޞުލްޙައިގެ ބޯޑާ ގުޅޭނެ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވާ އުފައްދަވާފައިވާ ޞުލްޙައިގެ ބޯޑާ، ޣައްޒާގައި ދާއިމީ ގޮތަކަށް ޞުލްޙާ ޤާއިމް ކުރުމަށް އެހީތެރިވުމަށް ޕާކިސްތާނުން ގުޅޭނެ ކަމަށެވެ. ޣައްޒާގައި ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށާއި ޣައްޒާ އަލުން އާރާސްތުކުރުމާ ގާތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.
ޕާކިސްތާނުން ޞުލްޙައިގެ ބޯޑާ ގުޅޭނެ ކަމަށް އިޢުލާނުކޮށްފައި މި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރު، ސްވިޒަލެންޑުގެ ޑަވޮސްއަށް ދަތުރުކުރައްވާފައި ވަނިކޮށެވެ. މުނީރުއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، މި ދަތުރުފުޅުގައި ޓްރަމްޕްއާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ.
ޕާކިސްތާނު ހިމެނޭ ގޮތަށް، ޞުލްޙައިގެ ބޯޑާ ގުޅުމަށް 60 ޤައުމަކަށް އެމެރިކާއިން ވަނީ ދަޢުވަތު ދީފައެވެ. ނަމަވެސް ގިނަ ޤައުމުތަކަކުން އެ ބޯޑާ ގުޅުމަށް ޖެހިލުންވެއެވެ. އެ ބޯޑާ މިހާތަނަށް ގުޅިފައި ވަނީ 20 ޤައުމަކުންނެވެ.