ޚަބަރު

ފުޓްސަލްއާއި ފުޓުބޯޅަ އެއް ނުކުރޭ: ނަޒީހު


ފުޓްސަލްއާއި ފުޓުބޯޅަ އެއްކޮށް ކުރިއަށް ގެންދާނަމަ އޭގެއިން ނިކުންނާތީ ނޭދެވޭ ނަތީޖާއެއްކަމަށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ.

ދިވެހި ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ކުޅެ ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނަޒީހް ވަނީ، ޓީމަށް ކުޅޭ ބައެއް ކުޅުންތެރިން، މެޗު އޮންނަ ދުވަސްތަކުގައި ވެސް ފުޓްސަލް މެޗުތައް ކުޅެފައި އަންނަކަން ހާމަކޮށް، އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް، މިހާރު ކުރިއަށްދާ "ގޯލްޑަން ފުޓްސަލް ޗެލެންޖް" ގައި އޮތް މެޗެއްގައި ހަވީރު ކުޅެފައި، ރޭގަނޑު ކުޅެން އައިކަން ނަޒީޙް ފާހަގަކުރިއެވެ.

"މިއަދު ހަވީރު މެޗު ކުޅެފަ އެއައީ. އެއް ކުޅުންތެރިއަކު ފުރަތަމަ 11 ތެރޭގައި ހިމެނޭ. ލިސްޓަށް ލީ ފަހުން އެނގުނީ ވެސް އޭނަ މެޗު ކުޅެފައި އައި ކަންވެސް. އެހެން ކުޅުންތެރިއެއް ކައިރީގައި ބުނެފައި ހުރީ. ދެން ޖެހޭނީ ބާލާކަށެއްނު. ފުރަތަމަ ހާފުގަ ޗޭންޖު ކުރީ. މެޗެއް ކުޅެފައި އައިސް އެހުރީ 40 މިނެޓުގެ، ފުޓްސަލް. ދެން ކިހިނެއް މިކަން ކުރާނީ އަސްލު ތެދަށް ބުނަންޏާމު". ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިން، ލީގު އޮންނަ ދުވަސްވަރު ވެސް މިފަދަ މުބާރާތްތަކުގައި ބައިވެރިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނަޒީހު ބުންޏެވެ.

ފުޓްސަލް އަކީ ވެސް ރާއްޖޭގައި ކުރިއަރުވަން ޖެހޭ، ކުޅެން ޖެހޭ ކުޅިވަރެއްކަން ފާހަގަކޮށް ނަޒީހު ބުނީ، މިފަދަ ކަންކަން ބަދަލުކުރެވޭނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސަރުކާރުގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އެފްއޭއެމްގައި ރަޖިސްޓްރީކޮށް، ހުއްދަ ދީފައިވާ ފަރާތްތަކަށް މެނުވީ ފުޓްސަލް މުބާރާތްތައް ބޭއްވުމުގެ ހުއްދައާއި، މުބާރާތްތައް ބޭއްވުމަށް ދަނޑުތައް ވެސް ނުދިނުން އެއީ މިކަމުގައި އޮތް ހައްލެއްކަމަށް އޭނާ ބުންޏެވެ.

"ފުޓްސަލް ނުކުޅޭށެކޭ ނޫން. އެ ވެސް ކުޅެންވީ. ކުޅެން ޖެހޭނެ. އެއަށްވެސް ރަނގަޅު ކޯޓަކާ އިންޑޯ ޕިޗުތަކާ އަޅަންވީ. އެކަމަކު މި ދޭތި އެއް ނުކުރާށޭ. މިހާރު މިސާލަކަށް މި ސީޒަން ތެރޭގައި މީތި (ފުޓްސަލް މުބާރާތްތައް) ފެށުން. ސީޒަން ނޯންނަ ދުވަސްކޮޅު ހުރިހާ ގޯލްޑަން އަކާ ސިލްވާ އަކާ ޑައިމަންޑަކާ ވެސް ހަމަ ކުޅެންވީއޭ. އެއްގޮތަކަށް ވެސް ނުކުޅޭށެކޭ ނޫނޭ". ފުޓުބޯޅަ ސީޒަން ތެރޭގައި ބޮޑެތި ފުޓްސަލް މުބާރާތްތައް ނުބޭއްވުމަށް ނަޒީޙް ގޮވައިލެއްވިއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ބައެއް ކުޅުންތެރިން، ކުލަބުގެ ހުއްދަނެތި ފުޓްސަލް މުބާރާތްތަކުގައި ކުޅުމާއި، މަޖުބޫރީ ހާލަތުގައި ހުއްދަ ދޭން ޖެހުން މިއީ ޓީމުތަކުގެ ކޯޗުންގެ ނުހަނު ކަންބޮޑުވުން އޮތް ކަމެކެވެ.

ބައެއް ކުލަބުތަކުން ރިލީޒް ނުލިބި ކުޅުންތެރިންނަށް ފުޓްސަލް މުބާރާތްތަކުގައި ނުކުޅެވި، އެކަމާ ގުޅިގެން އެ ކުލަބުތަކަށް ފާޑުކިޔުން އަމާޒުވާއިރު، ހުއްދަ ނުލިބި ކުޅުމުން، ބައެއް ކުލަބުތަކުން ކުޅުންތެރިންނާމެދު ފިޔަވަޅު އަޅާފައި ވެސް އެބަހުއްޓެވެ.

މިކަން ދިމާވަނީ ހަމައެކަނި ފުޓުބޯޅައާއި ފުޓްސަލްގައި އެކަންޏެއް ނޫނެވެ. މިފަހުން ވޮލީގައި ވެސް، އެފަދަ ކަމަކާ ގުޅިގެން ޤައުމީ ވޮލީ ޓީމުގެ ކުޅުންތެރިއަކަށް ވޮލީބޯޅަ އެސޯސިއޭޝަނުން ފިޔަވަޅު ވެސް އަޅާފައި ވެއެވެ.