ޚަބަރު

ޙާފިޡުން ދަސްވެނިވުން ރޯދަމަހުގެ 12ވަނަ ދުވަހުގެރޭ


  • މި އަހަރު 30 ޙާފިޡުން ދަސްވެނިވެނިވާނެ

  • މިހާރު ރާއްޖޭގައި ތިބީ 291 ޙާފިޡުން

  • ރޯދަމަހުގެ ކުރިން މި ޢަދަދު 300 އަށް އަރާނެ

ޙާފިޡުން ދަސްވެނިވުމުގެ ޙަފްލާ މި އަހަރު އޮންނާނީ ރަމަޟާންމަހުގެ 12ވަނަ ދުވަހުގެ ރޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީގެކުރިން ނިންމާފައިވަނީ މި ހަފްލާ ރޯދަ މަހު 27 ވިލޭރޭ ބޭއްވުމަށެވެ. އެހެން ނަމަވެސް ތާރީޚު ބަދަލުކުރައްވާ، ޙާފިޡުން ދަސްވެނިވުމުގެ ޙަފްލާ މި އަހަރު އޮންނާނީ ރޯދަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ވިދާޅުވެފައެވެ. ރޯދަމަހުގެ 12 ވަނަ ދުވަހަކީ މީލާދީގޮތުން ބަލާނަމަ މާރިޗުމަހުގެ 1 ވަނަ ދުވަހެވެ.

މި އަހަރު 30 ޙާފިޡުން ދަސްވެނިވާނެ ކަމަށް ވަޒީރު މީގެކުރިން ވަނީ ވިދާޅުވެފައެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ހަފުލާގައި 42 ޙާފިޡަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ޙާފިޡުން ތަމްރީންކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު މިހާރު ރާއްޖޭގައި ތިބި ޙާފިޡުން ޢަދަދު 291 އަށް ވަނީ އަރާފައެވެ. ރޯދަމަހުގެ ކުރިން ރާއްޖޭގައި ތިބި ޙާފިޡުން ޢަދަދު 300 އަށް އަރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދީ އެކަމުގައި ކުރިއަށްދިޔުމަށް ބާރުއެޅުމަށްވެސް އެކި ކަންކަން ސަރުކާރުންވަނީ ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޒުންނަށް ދައުލަތުންދޭ އެލަވަންސް ދެގުނަ ބޮޑުކުރައްވާފައެވެ. އަދި މިހާރު ސަރުކާރުންވަނީ ޙާފިޡުން ދަސްވެނިވުމަށް ޚާއްސަ ޙަފްލާއެއް ބާއްވަން ނިންމަވާ އެގޮތަށް ޙަފްލާތައް ބާއްވަން ފަށްޓަވާފައެވެ.