ޚަބަރު

ޕާކިސްތާނަށް ސިހުމެއްދީ، ފަހަތުން އަރައި އިންޑިއާ މޮޅުވެއްޖެ


ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގައި، މޮޅުވާން ދިޔަ ޕާކިސްތާން އަތުން ފަހަތުން އަރައި އިންޑިއާ މޮޅުވެއްޖެއެވެ.

ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އިންޑިއާއިން ކާމިޔާބުކުރީ 3-5 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ވެސް ޕާކިސްތާނުންނެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޒަހްރާ ބުޚާރީއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޑިއާއިން ނަތީޖާ ހަމަހަމަކުރިއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާރިޔާ ދަނާޖީއެވެ.

ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށި ޕާކިސްތާނުން މެޗުގައި ދެވަނަ ފަހަރަށް ލަނޑު ޖަހައި ލީޑުނެގީ އަޒްވާ ޗޯދުރީގެ ލަނޑުންނެވެ. އެފަހުން ޕާކިސްތާނުގެ އަންމޯލް ހީރާ ވަނީ ޕާކިސްތާނުގެ ތިންވަނަ ލަނޑު ޖަހައިދީ ލީޑުފުޅާކޮށްފައެވެ.

ޕާކިސްތާނުން ލީޑު ފުޅާކުރުމާއެކު އިންޑިއާއިން އިތުރު ހިތްވަރެއްލައި ކުރި މަސައްކަތުން ވަނީ މިހާފުގައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަތަރު ލަނޑު ޖަހައި މެޗުން މޮޅުވެފައެވެ.

މި ލަނޑުތައް އިންޑިއާއަށް ކާމިޔާބުކޮށްދިނީ ރިކިތާ ސިންގާއި ޚުޝްބޫ ކަޝީރާމް ސަރޯޖާއި، ޑިޓީ ކަމްލޭޝްއެވެ. މީގެތެރެއިން ޑިޓީ ވަނީ ދެ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު އިންޑިއާއިން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލިއިރު ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދާފައިވެއެވެ. އަދި މިހާތަނަށް އެ ޓީމުން މި މުބާރާތުގައި 25 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައި ވަނީ ނުވަ ލަނޑެވެ.

މެޗުން ބަލިވި ޕާކިސްތާން ތާވަލުގެ ތިންވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބަންގްލަދޭޝްއަށް ތިން މެޗުން ހަތް ޕޮއިންޓު ލިބިފައިވާއިރު ޕާކިސްތާންގެ މައްޗަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.