ޚަބަރު

މާލޭގައި އަލިފާން ނިއްވުމަށް ޚާއްޞަ ނިޒާމެއް ޤާއިމް ކުރަނީ


މީހުން ދިރިއުޅެމުންދާ ނިސްބަތަށް ބަލާއިރު ވެރިކަން ކުރާރަށް މާލެ، ފެނިގެން މިދަނީ، ޖާގައިގެ ގޮތުން ކުޑަތަނެއްގެ ގޮތުގައެވެ. ގިނަ މީހުން މިތަން ސިފަކުރަނީ، ކޮންކްރީޓް ޖަންގައްޔެއްގެ ގޮތުގައެވެ.

ކައިރިކައިރީގައި ގިނަ ޢިމާރާތްތައް ހެދިފައިވާއިރު، ހާދިސާއެއް ހިނގައިފިނަ، ޚާއްސަކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ލިބެމުންދާ ގެއްލުންތައްވެސް އިންތިހާއަށް ބޮޑުކަން ފާހަގަކުރެވެއެވެ.

މާލޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއަކީ ކޯސްޓްލައިން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެދުވަހުގެ ހާދިސާއަކީ މުޅި ރާއްޖެ ސިއްސުވާލި ހާދިސާއެކެވެ. އެ ހާދިސާއަށް ނަޒަރު ހިންގާލުމުންވެސް ފާހަގަވެގެންދިޔަ އެންމެ މުހިންމު ކަމަކީ، އަލިފާން ނިއްވުމުގައި އެކަށީގެންވާ ނިޒާމެއް މާލޭ ސިޓީއަށް މުހިންމުވެފައިވާވަރެވެ. އެ ހާދިސާއަށްފަހު ޑިފެންސް މިނިސްޓަރ އާދަމް ޝަރީފްވަނީ އަލިފާން ނިންވުމުގައި މިހާރު ޢަމަލުކުރަމުންދާ ގޮތް މުރާޖަޢާ ކުރައްވަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14609854242192.jpg|އަލިފާން ރޯވި ކޯސްޓްލައިން ހާޑްވެއާރ ފިހާރަ / ފޮޓޯ: ޕީއެސްއެމް

ކޮންމެއަކަސް ކޯސްޓްލައިން ޙާދިސާ ވެގެންދިޔައީ އަލިފާން ނިންވާ ނިޒާމާމެދު ސަރުކާރުގެ ސަމާލުކަން އިތުރަށް ހޯދި ޙާދިސާއަކަށެވެ. މިކަމުގެ ނަތިޖާއެއްގެ ގޮތުން، ސަރުކާރުން މިހާރު މިވަނީ މާލޭގެ މަގުތައް ރީޑިވްލޮޕްކުރުމުގެ މަޝްރޫޢުގައި އަލިފާން ނިއްވާ ނިޒާމްތައް މާލޭގެ މަގުތަކުގައި ޤާއިމް ކުރެއްވުމަށް ނިންމަވައި އެކަމުގެ މަސައްކަތް ފަށްޓަވާފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓަރ ޙިސާން ޙަސަން ވިދާޅުވީ، އަލިފާން ނިއްވާ ފުރިހަމަ ނިޒާމެއް މާލޭގައި ޤާއިމްކުރުމަކީ މިހާރުން މިހާރަށްވެސް ކުރައްވަންޖެހިފައިވާ ކަމެއް ކަމަށެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ގ.އެސްބަރި ގޭގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާގައިވެސް 3 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައިވެއެވެ.

މާލޭގައި ހިނގާފައި ހުރި ބައެއް އަލިފާނުގެ ޙާދިސާތަކުގައި މީހުން މަރުވެ، ބޮޑެތި ވިޔަފާރިތައް ހުއްޓުމަކަށްވެސް ގޮސްފައިވެއެވެ. އަދި މިފަދަ ޙާދިސާތަކުގައި ލިބޭ މާލީ ގެއްލުންތައް އެތައް މިލިއަނަށް އަރައެވެ.

ކައިރިކައިރީގައި ގެތައް ހުރުމުން، އަލިފާންގަނޑު ފެތުރުމުގެ ފުރުޞަތުވެސް ބޮޑެވެ. އެހެންކަމުން މާލޭގެ ހުރިހާ ހިސާބެއް ކަވަރ ވާނެ ފަދަ ގޮތަކަށް ޒަމާނީ ފެންވަރުގެ އަލިފާން ނިއްވާ ނިޒާމެއް ޤާއިމްވެފައިވުމަކީ މާލޭގައި ދިރިއުޅޭ 150،000 ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.