ޚަބަރު

ގްރީން ބަލިކޮށް ޓީސީން އުންމީދު އާކޮށްފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ރެލީގޭޝަނުން ސަލާމަތްވުމަށް އުންމީދު އާކޮށްފިއެވެ. ތާވަލުގެ ފަހަތުން ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ދެޓީމުގެ ކުރިމަތިލުން ޓީސީން ކުރި ހޯދީ 2-0 ލަނޑުންނެވެ.

މި ނަތީޖާއާއެކު ޓީސީ އަށް ލީގުގައި ކުރިއަށް ޖެހި ނުލެވުނުނަސް އޮތް މަގާމުގައި އެންހެން ޓީމުތަކާ ވަނީ ފަރަގު ބޮޑު ކޮށްފައެވެ. އެއީ 15 މެޗުން ހޯދި 12 ޕޮއިންޓާއެކުއެވެ.
ލީގުގެ 15 ވަނަ ހަފްތާގެ ކުޅުން ނިމުނު އިރު އެއްވަނައިގައި މާޒިޔާ އޮތީ 43 ޕޮއިންޓާއެކުއެވެ.

މާޒިޔާއަށް ލީގު ހޯދަން ބޭނުންވަނީ އެންމެ މޮޅެކެވެ. އޮޑި ސްޕޯޓްސް ކުލަބު ދެވަނައިގައި އޮތީ 35 ޕޮއިންޓާއެކުވެ. ނިއުރޭޑިއަންޓް ތިން ވަނައިގައި އޮތީ 35 ޕޮއިންޓާއެކުއެވެ.
ބުރު 27 ޕޮއިންޓާއެކު ހަތަރު ވަނައިގަ އޮތްއިރު ފަސްވަނައިގައި އީގަލްސް އޮތީ 22 ޕޮއިންޓާއެކުވެ. ވިކްޓަރީ އަށް 21 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ.

މެޗުން ބަލިވި ގްރީން 8 ވަނައިގަ އޮތީ 8 ޕޮއިންޓް ހޯދައިގެންނެވެ. 9 ވަނައިގަ އޮތް ވެލެންސިއާ އަށް ވެސް މިއަދަދަށް ޕޮއިންޓު ހޯދާފަވާއިރު ޔުނައިޓެޑް ވިކްޓަރީ ފުލުގަ އޮތީ 7 ޕޮއިންޓާއެކުއެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ޓީސީން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުން ވަނީ ގްރީންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ފުރަތަމަ މިނިޓުގައި އޭރިއާ ބޭރުން ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް ފޮނުވާލި ބޯޅަ ކީޕަރު ވަނީ އަތުލާފައެވެ.

ޓީސީގެ ގާނާ ފޯވާޑް ބޮއަޑޫ ޕްރިންސް މެޗުގެ 32 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ހޯދި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތު ތެރޭގައި ޓީސީ އަށް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ވަނީ ލިބިފައެވެ. މުހައްމަދު ޔަޒްދާން ހުސެއިން އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ކީޕަރު ނުކުމެ އަތުލި އިރު ޕްރިންސް އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި ޓީސީން ލީޑު ނެގީ 60 ވަނަ މިނިޓުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް އޮލަމެޖީ ޖިމޯ އޭރިއާ ތެރެއިން ހުސެން ޝަރީފަށް ދިން ބޯޅައެއް ގޯލަށް ވައްދަލައިގެންނެވެ. ޓީސީން ލީޑު އިތުރަށް ފުޅާކުރީ 74 ވަނަ މިނިޓުގައި އޭރިއާ ތެރެއިން މުހައްމަދު ދާނިޝް އިބްރާހިމަށް ލިބުނު ބޯޅައިގައި ކީޕަރު ކައިރިން ނައްޓާލާ ހުސްކޮށް އޮތް ގޯލަށް ވައްދައިލައިގެންނެވެ.

މި ނަތީޖާއާއެކު ގްރީން އަށް ލީގުގައި އިތުރަށް ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވި އިރު އެޓީމަށް ލީގުގައި ފަހު މެޗުތަކުގައި ނުކުންނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ.