ވިޔަފާރި

3 ވަނަ އިންވެސްޓްމަންޓް ފޯރަމް އަންނަ ނޮވެމްބަރު މަހު ބާއްވަނީ


މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އަންނަ ނޮވެމްބަރު މަހުގެ އެކާވީހުން، ބާވީހަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވެވުމަށް ނިންމަވައިފިއެވެ.

މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި، އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދަވާ ސްމާޓްފޯން އެޕްލިކޭޝަން ތައްޔާރުކުރުމުގެ މުބާރާތުން ފާހަގަކޮށްލެވޭ، އެންމެ މޮޅު ފަސް އެޕް، ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހި އުފެއްދުންތަކުގެ ތެރެއިން އެންމެ ފުރިހަމަ 10 އުފެއްދުމެއް ހޮވާ އެ އުފެއްދުމެއް މި ފޯރަމްގައި ދައްކާލުމުގެ ފުރުޞަތު އޮންނާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން ބޭރުގެ އިންވެސްޓަރުންނަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވާ ފޯރަމެކެވެ. މި ފޯރަމް ފުރަތަމަ ބާއްވަވާފައިވަނީ ސިންގަޕޫރުގައެވެ. އަދި، ދެވަނަ ފޯރަމް ބާއްވަވާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައެވެ.

ކާމިޔާބު 2 ފޯރަމެއް ބޭއްވެވުމަށްފަހު، އިކޮނޮމިކް މިނިސްޓްރީން މިހާރު ގެންދަވަނީ، 3 ވަނަ ފޯރަމެއް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރައްވަމުންނެވެ. މި ފޯރަމް އޮންނާނީ ނޮވެމްބަރު މަހުގެ އެކާވީހުން ބާވީހަށެވެ.

ފޯރަމް ބޭއްވުމަށް ކުރައްވަމުން ގެންދަވާ ތައްޔާރީތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، މީގެ ކުރިން ބޭއްވެވި ފޯރަމްތަކާއި ޚިލާފަށް، މި އަހަރުގެ ފޯރަމްގައި، ރާއްޖޭގެ އައިޓީ ސެކްޓަރ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ރާއްވަވާފައިވާކަމަށެވެ.

މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖެ އިޝްތިހާރުކުރުމަށް ޙާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދެވުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. 3 ވަނަ އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބާއްވަވަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާން ކުރެއްވީ، ހުސްވި އަހަރު އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ދެވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ބާއްވަވާފައިވާ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ތެރޭ ޗައިނާގެ ވެރިރަށް ބެއިޖިންގގައެވެ.