ޚަބަރު

އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފި


  • ފުރަތަމަ ދާން ޖެހޭނީ އީ.އާރް ޓްރައިޖަށް

  • ކްލިނިކުން ޚިދުމަތް ދޭނީ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް

  • ޚިދުމަތް ދޭނީ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން

އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ އުމުރާގެ އަޅުކަމުން އެނބުރި އަންނަ ފަރާތްތަކަށް ޚާއްޞަކޮށް ފްލޫ ކްލިނިކެއް މިހާރު ޤާއިމުކޮށްފައިވާ ކަމަށާއި، ކްލިނިކަށް އަންނަ ފަރާތްތަކުން ފުރަތަމަ ދާން ޖެހޭނީ އީ.އާރް ޓްރައިޖަށްކަމަށެވެ.

އަދި ކިއުބީ ޓޯކެން ސިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމަށްފަހު، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށެވެ.

އައިޖީއެމްއެޗުން ވިދާޅުވީ މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އެ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށެވެ.

މި ދުވަސްވަރު ޢުމްރާގެ އަޅުކަމަށްފަހު ގިނަ ބަޔަކު އަނބުރާ ރާއްޖެ ދަނީ އަންނަމުނެވެ. އަދި ކޮންމެ އަހަރަކުވެސް މިފަދަ ދުވަސްވަރުތަކުގައި ނޭވާލުމުގެ ނިޒާމުން ފެތުރޭ ބަލިތައް އިތުރުވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޑެންގީހުން ފެނިފައިވާ މިންވަރުވަނީ، އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. ޑެންގީހުމުގެ އިތުރުން މި ދުވަސްވަރު އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ފެންނަމުންދާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.