ޚަބަރު

ތެރަޕީގެ ފާރުވާއަށް މިދިޔަ މަހު 7.5 މިލިޔަން ރުފިޔާ


  • 231 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން

  • އެންމެ ބޮޑު ހޭދައެއް ކުރީ އޮކިއުޕޭޝަނަލް ތެރަޕީއަށް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ފަރުވާތަކަށް މިދިޔަ މަހު 7.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފަވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާއިން ހާމަކޮށްފިއެވެ.

ޑިސެމްބަރު މަހު، ޖުމުލަ 231 މީހުންނަށް، ތެރަޕީގެ އެކި ފަރވާތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ހިމެނެނީ 159 ފިރިހެނުންނާއި 72 އަންހެނުންނެވެ.

އެންމެ ގިނަ އަދަދަކަށް ތެރަޕީ ނަގާފަވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އެގޮތުން މި އުމުރުފުރާގެ 221 ކުދިންނަށް އެކި ކަހަލަ ތެރަޕީތައް ދީފަވާއިރު، އެއީ 156 ފިރިހެން ކުދިންނާއި 65 އަންހެން ކުދިންނެވެ. އުމުރުން 18-64 އަހަރާ ދެމެދުގެ 10 މީހަކަށް ތެރަޕީ ނެގުމަށް ވަނީ އެހީތެރިކަން ދީފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޖުމުލަ 7.6 މިލިޔަން ރުފިޔާ އެންސްޕާއިން ޚަރަދުކޮށްފަވެއެވެ. ވަކިވަކި ތަރްޕީތަކަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ޑިސެމްބަރު މަހު ކޮށްފަވަނީ އޮކިއުޕޭޝަނަލް ތެރަޕީއަށެވެ.

ތެރަޕީގެ ފަރުވާއަށް ކޮށްފައިވާ ޚަރަދުތައް:

• އޮކިއުޕޭޝަނަލް ތެރަޕީ: 143 ކުދިން – 2.2 މިލިޔަން ރުފިޔާ
• ބިހޭވިއަރަލް ތެރަޕީ: 125 ކުދިން – 2.1 މިލިޔަން ރުފިޔާ
• ސްޕީޗް ތެރަޕީއަށް: 118 ކުދިން – 1.8 މިލިޔަން ރުފިޔާ
• އެޑިއުކޭޝަނަލް ތެރަޕީ: 64 ކުދިން – 1.1 މިލިޔަން ރުފިޔާ ރުފިޔާ
• ސައިކޯ ތެރަޕީ: 21 ކުދިން – 244،650 ރުފިޔާ
• އަރލީ އިންޓަވެންޝަންއަށް: 9 ކުދިން – 76،700 ރުފިޔާ
• ފިޒިއޯތެރަޕީއަށް: 8 ކުދިން – 79،210 ރުފިޔާ

ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ބޮޑު މަޝްރޫޢުއެއް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން އޮކިއުޕޭޝަނަލް އަދި ސްޕީޗް ތެރަޕީގެ ޚިދުމަތް ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކަށް ދަނީ ފުޅާކުރަމުންނެވެ.

މީގެއިތުރުން 250 ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢުއެއް ކުރިއަށް ގެންދެވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.